ވިޔަފާރި

ފިކްނިކް އައިލެންޑްގެ މަސައްކަތް ކުރުމަށް 7 ކުންފުންޏަކާ ޙަވާލުކޮށްފި


މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ސަރުކާރުން ހަމަޖެއްސެވި "ޕިކްނިކް އައިލެންޑް"ގެ މަސައްކަތް ކުރުމަށް ހަތް ކުންފުންޏަކާއެކު ސޮއެކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއެކުރީ ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރުދާނެ ރަށެއް މާލެކައިރީގައި ނެތުމަކީ ގިނަ ރައްޔިތުންގެ ޝަކުވާއެކެވެ. މިކަމަށް ޙައްލު ހޯދަވައިދެއްވުމަށް މި ސަރުކާރުން ވަނީ މާލެއިން ފުރައިގެން 15 މިނިޓުން ދެވޭ އެނބޫދޫ ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްޤީ ކުރެއްވުމަށް ނިންމަވާފައެވެ. މިރަށަކީ ތައިލެންޑްގެ ކުންފުންޏެއް ކަމަށްވާ ސިންގހާ އެސްޓޭޓުން އެބޫދޫ ފަޅުގައި ތަރައްޤީކުރާ ކްރޮސް ރޯޑްސް ޕްރޮޖެކްޓްގައި ހިމެނޭ ބައެކެވެ.

ޕިކްނިކް އައިލެންޑް ތަރައްޤީކުރުމަށް ޙަވާލުކޮށްފައިވާ 7 ކުންފުނި

  • - އައިމާ ކޮންސްޓްރަކްޝަން
  • - ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • - އެލިއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • - އެޗްއެސްޕީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • - ކުރިހަރަ ކޮންގޔޯ ކޯ ލިމިޑެޓް
  • - އެސްއެލްޕީ ގްރޫޕް
  • - ލަމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

މިމަސައްކަތުގައި މި 7 ކުންފުނިން ކުރާނީ ތަފާތު މަސައްކަތްތައްކަމަށް ސިންހާ އެސްޓޭޓުން ބުނެއެވެ.

ޕިކްނިކް އައިލެންޑް މަޝްރޫއާއި ގުޅޭގޮތުން މަޢުލޫމާތުދެމުން ސިންހަ އެސްޓޭޓުން ބުނީ، މި މަޝްރޫޢު ކުރިއަށްގެންދަނީ، ދިވެހި ކުންފުނިތަކާއި އަދި ދިވެހިންނަށްވެސް ފައިދާ ކުރާނެގޮތަކަށްކަމަށެވެ. "ޕިކްނިކް އައިލެންޑް" ތަރައްޤީކުރަނީ ޢާއިލާއާއިއެކު ވަގުތު ހޭދަކޮށްލެވޭނެ ވަސީލަތްތަކާއިއެކުއެވެ.

ޕިކްނިކް އައިލެންޑް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރި ކުންފުނިތަކުންވެސް ބުނީ މިއީ ވަރަށް ރަނގަޅު މަޝްރޫޢުއެއްކަމަށާ، މިފަދަ މަޝްރޫޢުއެއްގައި ބައިވެރިވެވުނީތީ އުފާކުރާކަމަށެވެ.

"ޕިކްނިކް އައިލެންޑް" ތަރައްޤީ ކުރާނީ، ކުޅިވަރު ކުޅުމަށާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށާއި، އަދި ކުޑަކުދީންނަށް ޚާއްޞަކުރެވިފައިވާ މި ޒަމާނުގެ ހުރިހާ ލުއިފަސޭހަތަކާއި ޚިދުމަތްތައް ހިމެނޭ ގޮތަށެވެ. އޭގެތެރޭގައި ބާބަކިއު ސަރަހައްދަކާއި، ވޯޓަރ ސްޕޯޓްސްއާއި، ބީޗް ސްޕޯޓްސްއާއި، ލައިފް ގާޑުންނާއި، ފެމިލީ ކޮޓަރިތަކާއި، ކިޑްސް ކްލަބްއާއި، އަންހެނުން އަދި ފިރެހެނުންގެ ޗޭންޖިންގ ރޫމްއާއި، ސިއްހީ ހިދުމަތް ދޭނެ ތަނެއް މި ރަށުގައި ހުންނާނެއެވެ.

މާލޭ ސިޓީގެ ރައްޔިތުން ދަތުރު ދިއުމަށް މާލެއާ ކައިރިން ރަށެއް ޚާއްޞަ ކޮށްދެއްވުމަކީ، ރާއްޖޭގައި އިޖުތިމާއީ ހަމަޖެހުން ކަށަވަރުކުރުމަށްޓަކައި، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ މުހިންމު ވައުދެކެވެ. ސިންހާ އެސްޓޭޓުން އެނބޫދޫ ފަޅުގައި ހިންގާ 800 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއުގައި ވަނީ ނުވަ ރަށް ހިއްކައިފައެވެ.