ސިއްހަތު

ގައިންގަޔަށް އަރާބަލިތައް ނައްތާލުމުގައި ރާއްޖެއިން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައި- މިނިސްޓަރ


ގައިންގަޔަށް އަރާބަލިތައް ނައްތާލުމުގައި ރާއްޖެއިން ދުނިޔޭގެ ނިސްބަތުންވެސް ބޮޑު ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ހޮސްޕިޓަލް ތަކުގައި ޓިބީ ބަލި ދެނެގަތުމަށް ޓެސްޓް ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިއު.އެޗް.އޯ އިން މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާ ކުރައްވާ ޖީން އެކްސްޕަރޓް މެޝިން ހަވާލުކުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، ސަރުކާރުން އަމާޒު ކަނޑައަޅާފައިވަނީ 2022 ވަނަ އަހަރުގެ ކުރިން ރާއްޖެއިން ޓީބީ ނައްތާލުމަށްކަމަށެވެ. ނަމަވެސް އޭގެ ކުރިންވެސް މިކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަކީ މިނިސްޓްރީގެ އަމާޒުކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޓީބީއާއި، މިނޫންވެސް ގައިންގަޔަށް އަރާބަލިތައް ނައްތާލުމުގައި ރާއްޖެއިން ބޮޑުކުރިއެރުންތަކެއް ހޯދާފައިވާކަމަށާއި، މިކަމުގައި ޑަބްލިއު އެޗްއޯއިން އަބަދުވެސް ވަރަށްބޮޑު އެހީތެރިކަމެއް ދެއްވާކަމަށެވެ. ޓީބީ ބަލި ދެނެގަތުމަށް ޓެސްޓްކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ޑަބިއުއެޗްއޯއިން ހަދިޔާކުރި 4 މެޝިނަކީ ޓީ.ބީއަށް ހެދޭ ޓެސްޓުން، 2 ގަޑިއިރުގެ ތެރޭގައި މީހެއްގެ ކުޅުގައި ޓީ.ބީގެ ޖަރާސީމު ހުރިތޯއާއި، ޓީ.ބީއަށް ބޭނުންކުރެވޭ ބައެއް ބޭހަށް ރެސިސްޓެންޓްކަން ނުވަތަ ނޫންކަން ދެނެގަނެވޭނެ މެޝިންތަކެކެވެ.

ޑަބްލިއު.އެޗް.އޯ އިން މިއަދު ހަދިޔާކުރި ހަތަރު މެޝިން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރ.އަތޮޅާއި، ލ.އަތޮޅާއި، ޅ.އަތޮޅުގެ އިތުރުން އައްޑޫސިޓީގައެވެ.

ޖީން އެކްސްޕާރޓް މެޝިން ބޭނުންކޮށްގެން ހެދޭ ޓެސްޓް ތަކުން އަވަހަށް ޓެސްޓްގެ ނަތީޖާ ލިބި، ބަލިމީހާގެ ހަށިގަނޑުގައި ބޭހަށް ނުގުޑާ ޓީ.ބީގެ ޖަރާސީމް ހުރިކަން ނުވަތަ ނެތް ކަން ވެސް އެނގިގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން، ބަލި މީހާއަށް ދޭން ޖެހޭ ފަރުވާ ވީހާވެސް އަވަހަށް ފެށި، ޓީ.ބީ ބަލިން ބަލި މީހާ އާއި މުޖްތަމައު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

ޓީބީއަށް ޓެސްޓް ކުރެވޭ އެންމެ ފަހުގެ ވަސީލާތްތައް ބޭނުންކޮށްގެން ޓީބީ ބަލި ދެނެގަނެ ފަރުވާގެ ކަންތައް ކުރިޔަށް ގެންދިއުމުގެ ގޮތުން މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ރާއްޖޭގެ 2 ސަރަޙައްދުގައި (ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި ގދ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި) ޖީންއެކްސްޕާރޓް މެޝީން ބެހެއްޓި ޚިދުމަތް ވަނީ ފަށާފައެވެ. މީގެ ކުރިން ޖީން އެކްސްޕަރޓްގެ ޚިދުމަތް ދެމުން ގެންދިޔައީ ހަމައެކަނި އައި.ޖީ.އެމް.އެޗްގައެވެ.

ސަރަޙައްދީ ފެންވަރުގައި ދިވެހިރާއްޖެއަކީ ޓީބީ ނައްތާލުމަށް ޤައުމީފެންވަރުގައި އަހައްމިޔަތުކަން ދީފައިވާ ޤައުމެކެވެ. އެގޮތުން 2022ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ޓީބީ ނައްތާލުމަށް ސަރުކާރުންވަނީ އަމާޒު ކަނޑައަޅާފައެވެ.