ޚަބަރު

ކަޅުވަކަރު މިސްކިތް އަލުން ރާވާ ބެހެއްޓުމުގެ މަސައްކަތް މާދަމާ ފަށަނީ


ކަޅުވަކަރު މިސްކިތް އަލުން ރާވާ ބެހެއްޓުމުގެ މަސައްކަތް މާދަމާ ފަށަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ވިދާޅުވީ ކަޅުވަކަރު މިސްކިތް އަލުން ރާވާ ބެހެއްޓުމުގެ ގޮތުން ފުރަތަމަ ގައު ބަހެއްޓުމަށް މާދަމާ ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ކަޅުވަކަރު މިސްކިތް އަލުން ބަހައްޓަން ސަރުކާރުން ނިންމާފައިވަނީ ޗާންދަނީ މަގު، މެދުޒިޔާރަތް މަގު ކަންމައްޗަށްވާގޮތަށް އޮންނަ ކުރީގެ ދިރާގުގެ ހެޑްއޮފީސް ހުރި ބިމުގައެވެ. ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަޝްރޫއުގައި ކުރަންޖެހޭ ސިވިލް މަސައްކަތްތައް ކުރުމަށް ޙަވާލުކޮށްފައިވަނީ "އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"އާއެވެ. 2.9 މިލިޔަނަށް ވުރެ ގިނަ ރުފިޔާއަށް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ ކަޅުވަކަރު މިސްކިތް ބަހައްޓާ ސަރަހައްދު ހަވާލުކުރާ ތާރީޚުން ފެށިގެން 120 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫއުގެ ދަށުން މިސްކިތާއި ހަރިންމަފާރު އަދި ވަޅުގެ ފައުންޑޭޝަން އެޅުމާއި މިސްކިތް ބަހައްޓާ ސަރަޙައްދުގެ ވަށައިފާރު ރޭނުންވެސް ހިމެނެއެވެ.

މިސްކިތް އަލުން ރޭވުމުގެ އަމަލީ މަސައްކަތްތައް ކުރަން ނިންމާފައިވަނީ ހެރިޓޭޖް ޑިޕާޓްމަންޓުގެ ޓީމަކުންނެވެ. ކަޅުވަކަރު މިސްކިތުގެ ހިރިގަލުގެ ބައިތަކާއި، ލަކުޑީގެ ބައިތަކަށް މަސައްކަތުގެ ފަންނުވެރިންގެ އެހީގައި ފަރުވާދިނުމާއި ލިޔެލާޖަހާފައި ހުރި ބައިތައް ސާފުކުރުމުގެ މަސައްކަތްވެސް ހެރިޓޭޖް މިނިސްޓްރީން ވަނީ ކުރައްވާފައެވެ.

ހެރިޓޭޖް މިނިސްޓްރީންވަނީ މިއަހަރު ފަހުކޮޅަށް މިސްކިތުގެ ހުރިހާ މަސައްކަތެއް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެފައެވެ. މިސްކިތް އަލުން ބަހައްޓަނީ ހެރިޓޭޖް ސައިޓެއްގެ ގޮތުގައެވެ. އަދި މި މިސްކިތް އަލުން ބަހައްޓަނީ ބަންގިގޮވާ އަދި ޖަމާޢަތުގައި ނަމާދުކުރާ މިސްކިތެއްގެ ގޮތުގައި ނޫން ނަމަވެސް ބޭނުންވާ ފަރާތްތަކަށް މިސްކިތުގައި ނަމާދު ކުރެވޭނެކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ.

ކުރީގެ ސަލްޓަން ޕާކުގައިހުރި 200 އަށްވުރެ ގިނަ އަހަރު ވެފައިވާ ކަޅުވަކަރު މިސްކިތް އެތަނުން ނަގާފައިވަނީ ރަސްރަނި ބަގީޗާ ހެދުމަށް އޭރުގެ ސަރުކާރުން 2016 ވަނަ އަހަރުއެވެ. އަދި މިސްކިތް ފަހުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބެހެއްޓުމަށް ނިންމައި ފަހުން އަނެއްކާ އެނިންމުން ބަދަލުކޮށް ގދ.ތިނަދޫގައި ބެހެއްޓުމަށްވެސް ސަރުކާރުން ނިންމިއެވެ. ނަމަވެސް މިސްކިތް ނެގިތާ 3 އަހަރު ވީއިރުވެސް މިސްކިތް އަލުން ބެހެއްޓުމުގެ އެއްވެސް މަސައްކަތެއް ފަށާފައެއް ނުވެއެވެ. ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަކި ރައީސް އިބްރާހީމް މުޙައްމަދު ޞާލީހް ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާނެކަމެއްކަމަށް ވިދާޅުވެފައިވާ ކަމެކެވެ.