ދީން

އުމްރާއަށްދާ މީހުންނަށް ވިސާ ލިބުމުގައި ދަތިތަކެއް


ރާއްޖެއިން މިއަހަރު އުމްރާއަށް ދާ މީހުންނަށް ވިސާ ހަމަނުޖެހިގެން ކުންފުނިތަކުން މިހާތަނަށް ރަސްމީކޮށް އިސްލާމިކް މިނިސްޓްރީއަށް އެކަން ހުށަހަޅާފައިނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.ރާއްޖެއިން މިއަހަރު އުމްރާއަށް މީހުން ގެންދިއުމުގެ ޙުއްދަ އިސްލާމިކް މިނިސްޓްރީން 10 ކުންފުންޏަކަށް ދީފައިވެއެވެ. އެހެންނަމަވެސް ބައެއް ކުންފުނިތަކަށް ވަނީ އުމްރާއަށް ދާން ވިސާ ހޯދުމުގައި ދަތިތަކާއި ކުރިމަތިވެފައެވެ.ޕަބްލިކް ސަރވިސް މީޑީޔާ، ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާޙީމް އަޙުމަދު ވިދާޅުވީ، އުމްރާ ވިސާ ހަމަނުޖެހިގެން ކުންފުނިތަކުން ރަސްމީ ސިފައެއްގައި އެކަން ހުށަހަޅާފައި ނުވިނަމަވެސް ނުރަސްމީކޮށް މިނިސްޓްރީއަށް ބައެއް ފަރާތްތަކުން އެކަން ޙިއްސާކޮށްފައިވާ ކަމަށެވެ.އުމްރާގެ އިންތިޒާމުތަކާއި ވިސާގެ ކަންކަން ހަމަޖައްސަންޖެހޭނީ އުމްރާއަށް މީހުން ގެންދަން ޙުއްދަ ދޫކޮށްފައިވާ ގްރޫޕްތަކުން ކަން އުމްރާގެ އުސޫލުގައި ބަޔާންކޮށްފައިވާ ކަމަށާއި ވިސާގެ ކަންކަން ހަމަޖެއްސުމުގެ ކަންކަމަކީ މިނިސްޓްރީގެ މެންޑޭޓުގައި ނުހިމެނޭ ކަމެއް ކަމަށް މިނިސްޓްރީންބުނެއެވެ. އެހެންނަމަވެސް ވިސާގެ ހޯދުމުގައި ދަތިތަކެއް ކުރިމަތިވާނަމަ އެކަމަށް ލުއި ގޮތެއް ހޯއްދަވައިދެއްވަމުން މިނިސްޓްރީން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނެ ކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ. އަދި ވިސާ މައްސަލަ މިހެން ދިމާވަނީ ރާއްޖޭގައި އިންޓަރނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން، އަޔާޓާގެ ޙުއްދަ އޮންނަ ޓްރެވަލް އެޖެންސީއެއް ނެތުމުގެ ސަބަބުން ކަމަށްވެސް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.ޙައްޖާ އުމްރާއަށް ވިސާ ދޫކުރަނީ އިންޓަރނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން، އަޔާޓާގެ ޙުއްދަ އޮންނަ ކުންފުޏެއް މެދުވެރިކޮށް ރަޖިސްޓްރީވެ ވިސާ ފޯމް ސައުދީ އެމްބަސީއަށް ހުށަހެޅުމުންނެވެ.ފާއިތުވި ދެތިން އަހަރުގެ ތެރޭގައި އުމްރާ ވިސާ ލިބުމުގައި މިމައްސަލަ ދިމާވެ، ކުންފުނިތަކުން ވަނީ ސްރީލަންކާގައި ހުރި އަޔާޓާގެ ޙުއްދަ އޮންނަ ކުންފުނިތައް މެދުވެރިކޮށް ވިސާގެ ކަންކަން ހަމަޖައްސާފައެވެ.ވިސާގެ ކަންކަން ޙައްލުކުރުމަށް އިސްލާމިކް މިނިސްޓްރީން ފާއިތުވި އަހަރުތަކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް އަޔާޓާގެ ޙުއްދަ ހޯދުމަށްވެސް މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.ކުންފުނިތަކުގެ ޙަވާލުގައި ރާއްޖެއިން މިއަހަރު އުމްރާއަށް ދާން ގާތްގަނޑަކަށް ބާރަސަތޭކަ މީހުން ފައިސާ ދައްކާފައިވެއެވެ.