ވިޔަފާރި

މިއަހަރު އިތުރު 5 ރަށެއްގައި ބިޒްނަސް ސެންޓަރ ޤާއިމްކުރާނަން - މިނިސްޓަރ ފައްޔާޟު


މިއަހަރު އިތުރު 5 ރަށެއްގައި ބިޒްނަސް ސެންޓަރ ޤާއިމްކުރާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޞު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މާލެއާ އަތޮޅުތެރޭގައި ޖުމުލަ 7 ބިޒްނަސް ސެންޓަރު މިހާރުވެސް އަންނަނީ ހިނަގަމުންނެވެ. މި ބިޒްނަސް ސެންޓަރުތަކުން ދަނީ، އެ ސެންޓަރެއް ހުންނަ ސަރަހައްދުގެ ރަށްރަށުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އެކި ކަހަލަ އެހީތައް ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ވިޔަފާރިއާބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ވޯކްޝޮޕްތައް އެފަރާތްތަކަށް ހިންގައިދެއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވީ، މިއަހަރުގެ ތެރޭގައި އިތުރު 5 ރަށެއްގައި ބިޒްނަސް ސެންޓަރު ޤާއިމްކުރެވިގެންދާނެކަމަށެވެ. ބިޒްނަސް ސެންޓަރުތަކުގެ މަސައްކަތް އަދި އެންމެ ފުރިހަމަ ގޮތެއްގައި ކުރިއަށްނުދާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، އެތަންތަނުގެ މުވައްޒަފުންނަށް ތަމްރީނުދޭނެކަމަށެވެ. އަދި އުއްމީދަކީ ރަށްރަށުގައި ތިބި ކުދި ވިޔަފާރިވެރިންނަށް ފަންނީ އެހީތެރިކަމާއި، ލޯނު ހޯދުމަށް ބިޒްނަސް ސެންޓަރުތައް މެދުވެރިކޮށް އެހީތެރިވުންކަމަށެވެ.

"ބިޒްނަސް ސެންޓަރ ކޯޕަރޭޝަން މެދުވެރިކޮށް އަތޮޅުތެރޭގެ 7 ރަށެއްގައި އަޅުގަނޑުމެން އެބަ ޙިދުމަތްދެމުންދަން. އަދި އިރާދަކުރެއްވިއްޔާ މިއަހަރުތެރޭގައި އިތުރު 5 ރަށެއްގައި ބިޒްނަސް ސެންޓަރުތައް ޤާއިމްކުރެވިގެންދާނެ." މިނިސްޓަރ ފައްޔާޟު ވިދާޅުވިއެވެ.

ބިޒްނަސް ސެންޓަރުތައް މިހާރު ހިންގަމުން އަންނަނީ މާލެ، ހދ. ކުޅުދުއްފުށި، ޅ. ނައިފަރު، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ގދ. ތިނަދޫ އަދި އައްޑޫ ސިޓީގެ ހިތަދޫގައެވެ.