ޚަބަރު

މާދަމާގެ މެޗަށް ޓީމު ހަމަވާނެކަމާމެދު ޝައްކު: ލައްޗޭ


ޓީމުގެ މާލީ ޙާލަތު ގޯސްވެ، ޓީމުގެ ކޯޗުކަމުގެ މަޤާމުން މުޙައްމަދު އާދަމް އިސްތިޢުފާދީފައިވާތީ މާދަމާގެ މެޗަށް ޓީމު ހަމަވާނެކަމާއިމެދު ސުވާލު އުފެދޭކަމަށް ވިކްޓްރީގެ އެސިސްޓަންޓް ކޯޗު އާދަމް ޢަބްދުއްލަޠީފް (ލައްޗޭ) ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާދަމާ ރޭ ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުތުމުގެކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ލައްޗޭ ބުނީ ޓީމުގެ ފަރިތަކުރުންތަަކަށް ހާޒިރުވަނީ 6-7 ކުޅުންތެރިންކަމަށާއި މާދަމާގެ މެޗަށް ޓީމު ހަމަވާނެކަމާމެދު ސުވާލު އުފެދޭކަމަށެވެ. ލައްޗޭ ބުނީ 19 އަހަރުން ދަށުގެ ޤައުމީ ޓީމުގައި ވިކްޓްރީގެ 6-7 ކުޅުންތެރިން ހިމެނޭކަމަށާއި އެ ކުޅުންތެރިން މި ވަގުތު ތިބީ ޤައުމީ ޓީމާއެކު ރާއްޖެއިން ބޭރުގައިކަމަށެވެ. އޭނާ ބުނީ ލީގުގައި ކުޅެވޭނީ ކުޅުންތެރިން ހަމަވެގެންކަމަށާއި އެކަން މިހާރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށްވެސް އަންގާފައިވާނެކަމަށެވެ.

ލައްޗޭ ބުނީ ލީގުގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗަށް ހާޒިރުނުވެއްޖެނަމަ ބޮޑު ޖޫރިމަނާއެއް އަންނާނެކަމަށާއި އެކަމުން ސަލާމަތްވުމަށް ޓީމުގެ މެނޭޖުމަންޓުގެ ފަރާތުން ކުޅުންތެރިންނަށް ގުޅައި އެ ކުޅުންތެރިންނަށް ރަނގަޅު ގޮތެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

ވިކްޓްރީގެ ކޯޗުގެ މަގާމުން މުޙައްމަދު އާދަމް މިދިޔަ ހުކުރު ދުވަހު އިސްތިޢުފާ ދިނީ މެނޭޖްމަންޓުން ކޮންދޭން ވަޢުދުވި ކަންތައްތައް ނުކޮށްދިނުމުން، ގިނަ ކުޅުންތެރިން ޓީމުގެ ފަރިތަކުރުންތަކަށް ހާޒިރުވުން ހުއްޓާލުމުންކަމަށް ބުނެއެވެ. އޭގެ ފަހުން ޓީމާއި ހަވާޅުވެ، ފަރިތަކުރުންތައް ބާއްވަމުންދަނީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ލައްޗޭގެ އިރުޝާދުގެ ދަށުންނެވެ.