ޚަބަރު

ޤާނޫނަށް ގެންނަ އިސްލާހާއެކު ކައުންސިލްތަކުގެ އާމްދަނީ %70 އާއި %300އަށް އިތުރުވެގެންދާނެ - އެލްޖީއޭ


ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ގެންނަ އިސްލާޙްތަކާއި އެކު ކައުންސިލްތަކަށް ލިބޭ ޢާމްދަނީ 70 ޕަސެންޓާއި، 300 ޕަސެންޓަށް އިތުރުވެގެންދާނެކަމަށް އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް އަހުމަދު ވިދާޅުވެއްޖެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ތަންފީޒު ކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުވާލައި ވާހަކަ ދައްކަވަމުން އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ، ކައުންސިލްތައް ހިންގުމުގައި އެންމެބޮޑު ޝަކުވާއަކަށް ވެފައިވަނީ ބަޖެޓު ނެތުންކަމަށެވެ. ލާމަރުކަޒީ ޤާނޫނާއެކު ކައުންސިލްތައް އުފެދިގެން މިހާތަނަށް ކައުންސިލްތަކަށް ސަރުކާރުން ފޯރުކޮށްދޭ ބަޖެޓުން އިދާރީ ކަންކަން ހަމަޖެއްސުމަށްފަހު އިތުކަމެއް ކުރާނެ ފައިސާ ނެތުމަކީ ކައުންސިލްތަކުގެ އެންމެބޮޑު ޝަކުވާކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުތަކުގެ ސަބަބުން މާލީގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން މިބަދަލާއެކު ކައުންސިލްތަކުން ރަށުތަރައްޤީއާއި، އަތޮޅުގެ ތަރައަށްޤީއަށް ގިނަ ކަންތައްތަކެއް ކުރުމުގެ ފުރުޞަތު ތަނަވަން ވެގެންދާނެކަމަށާއި، މިއީ ކައުންސިލްތައް ހިންގުމަށްވެސް ލިބިގެންދާ ވަރަށްބޮޑު ކުރިއެރުމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޤާނޫނަށް ގެންނަ ބޮޑު ބަދަލާއެކު އެލްޖީއޭއިންވެސް ކައުންސިލްތަކުގެ ހިންގުމުގެ ނިޒާމާއި، މާލީ ކަންކަން ހަރުދަނާ ގޮތެއްގައި ބެލެހޭޓޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ ވިހިވިހީގެ ކުރިން ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ މަސައްކަތްތައް އޮންލައިންކޮށް ހިންގޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްވެސް އެލްޖީއޭއިން ކުރަމުންދާކަމަށެވެ. މި ނިޒާމުގެ ސަބަބުން ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ގޮތެއްގައި ބެލެހެއްޓިގެންދާނެކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ޤާނޫނަށް ސަރުކާރުން ގެންނަ އިސްލާހުތަކަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު ފަލާޙް ވިދާޅުވީ، މާލެ ސިޓީ ކައުންސިލަކީ ރާއްޖޭގެ އެންމެގިނަ ރައްޔިތުންނަށް ޙިދުމަތް ފޯރުކޮށްދޭންޖެހޭ ކައުންސިލަށްވާއިރު މައިސަރުކާރުން ކައުންސިލަށް ބާރު ދޫކޮށްލުނުލުމުގެ ސަބަބުން ކައުންސިލުގެ މަސައްކަތްތައް މަޑުޖެހިފަވާކަމަށެވެ. ނަމަވެސް ސަރުކާރުން މިގެންނަ އިސްލާހާއެކު މާލޭގެ މަގުހެދުމާއި، ކަރަންޓް ކޭބަލް ވަޅުލުމާއި، ފާޚާނާހޮޅި އެޅުންފަދަ ކަންކަން ކުރުމުގެ ޒިންމާ ކައުންސިލްގެ ދަށަށް ބަދަލުވެގެންދާނެކަމަށް ފަލާހު ވިދާޅުވިއެވެ. އަދި މިނޫންވެސް ރައްޔިތުންނާއި ސީދާ ގުޅުންހުރި ގިނަކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތާއި، ޒިންމާ ކައުންސިލަށް ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޤާނޫނުގައި ހުރި ހުރަސްތައް ނައްތާލައި ލާމަރުކަޒީ ނިޒާމު ތަންފީޒުކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވައުދުފުޅެއް ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގެ މިވީ ދުވަސްތަކުގައިވެސް ކައުންސިލްތަކަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތު ފެނިގެންދާކަމަށް ފަލާހު ވިދާޅުވިއެވެ. އެގޮތުން ކައުންސިލަރުންނަށްވެސް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެވި ރަށްރަށުގެ ހާލަތު ކިޔައިދެވޭނެ ގޮތަކަށް އިންތިޒާމު ހަމަޖައްސަވާފައިވާކަމީ މިކަމުގެ ހެއްކެއްކަމަށް އޭނާ ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެންނަ އިސްލާޙްތަކާއެކު ދައުލަތުގެ އާމްދަނީގެ 5 އިންސައްތައާއި، ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 އިންސައްތައާއި، މީހުން ދިރިއުޅޭ ރަށްރަށުގެ ބިމުގެ ކުލީގެ 100 އިންސައްތަ ކައުންސިލްތަކަށް ދޫކުރެވޭނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން 5 މިލިޔަނަށްވުރެ ދަށުން ހިންގާ މަޝްރޫޢުތައް ހިންގުންވެސް ކައުންސިލްތަކާއި ހަވާލުކުރާގޮތަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.