ޚަބަރު

ނިއުޔޯކް ކޮންވެންޝަންގައި ދިވެހިރާއްޖެއިން ސޮއިކޮށްފި


ނިއުޔޯކް ކޮންވެންޝަންގައި ދިވެހިރާއްޖެއިން ސޮއިކޮށްފިއެވެ.

ކޮންވެންޝަން އޮން ރިކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވާޑްސް (ނިއުޔޯކް ކޮންވެންޝަން)ގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތެވެ. ނިއުޔޯކް ކޮންވެންޝަންގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ރުހުންދީފައެވެ.

މިމުޢާހަދާގައި ރާއްޖެއިން ބައިވެރިވުމުގެ ބޭނުމަކީ، ބޭރު ދައުލަތްތަކުގެ ތަޙްކީމުގެ ނިންމުންތައް ބަލައިގަނެ ތަންފީޒު ކުރެވޭނެ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރެއްވުމެވެ. އަދި އޭގެ ސަބަބުން ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓް ކުރުމަށް ރަނގަޅު މާޙައުލެއް ޤާއިމު ކުރެވި، ރާއްޖެއަށް ބޭރުގެ ގިނަ އިންވެސްޓްމަންޓްތަކެއް ވަނުމުގެ ދޮރު ހުޅުވިގެންދިއުންކަމަށް މިމައްސަލާގައި ވަޒީރުންގެ މަޖިލީހުގައި ބައެއް ވަޒީރުން ވަނީ ވިދާޅުވެފައެވެ.

މި ކޮންވެންޝަނުގެ ސަބަބުން ބައިނަލްއަޤުވާމީ އާބިޓެރަރީ ކޯޓު ތަކުގައި ނިންމާ ނިންމުންތަކަށް އަމަލުކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކަށް ވެސް ލާޒިމު ވާނެއެވެ.

ނިއުޔޯކް ކޮންވެންޝަންއަކީ 1965 ވަނަ އަހަރުން ފެށިގެން އާބިޓްރޭޝަން މައްސަލަތަކަށް ހައްލު ހޯދައި ދިނުމުގެ މަސައްކަތް ކުރަމުންދާ ކޮންވެންޝަނެކެވެ.
ރާއްޖެއަކީ މި ކޮންވެންޝަންގައި ސޮއިކުރި، 161 ވަނަ ގައުމުކަން ފާހަގަކޮށްލެވެއެވެ.