ޚަބަރު

50ވަނަ ޤައުމީ ޓެނިސް މުބާރާތް ބީއެމްއެލުން ސްޕޮންސަކޮށްފި


50ވަނަ ޤައުމީ ޓެނިސް މުބާރާތް ބޭންކް އޮފް މޯލްޑިވްސުން ސްޕޮންސަކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް)ގެ ރައީސް ޢަހްމަދު ނަޒީރާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޓިމް ސޯޔާއެވެ.

މި އެއްބަސްވުމުގެ ދަށުން ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް މި ކުޅިވަރުގައި ކުރިއަށް ދިޔުމަށް ބޭނުންވާ ތަޖުރިބާ ހޯދައިދިނުމުގެ މަޤްޞަދުގައި ކުރިއަށް އޮތް 3 އަހަރު ޤައުމީ ޓެނިސް ޗެންޕިއަންޝިޕު މިހާރަށްވުރެ ފުރިހަމަކޮށް ބޭއްވުމަށް ބީއެމްއެލުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި މުބާރާތަކީ މިހާތަނަށް ބާއްވަމުން އަންނަ އެންމެ ގިނަ ދުވަސްވީ ޓެނިސް ޙަރަކާތެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ވާހަކަދައްކަވަމުން އަޙްމަދު ނަޒީރު ވިދާޅުވީ ޤައުމީ ޓެނިސް މުބާރާތަށް 50 އަހަރު ފުރުން މި އަހަރު ކުލަގަދަކޮށް ފާހަގަކުރުމަށް އެސޯސިއޭޝަނުން މަސައްކަތް ކުރަމުން އަންނައިރު، ބީއެމްއެލުން މުބާރާތް ރަސްމީކޮށް ސްޕޮންސާކުރުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެކަމަށެވެ. އަދި ބީއެމްއެލްގެ އެހީތެރިކަމާއިއެކު ޤައުމީ މުބާރާތް ކުރިއަށްވުރެ ކުލަގަދަ އަދި ކާމިޔާބު މުބާރާތަކަށް ހެދޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓިމް ސޯޔާ ވިދާޅުވީ މިއީ އެ ބޭންކަށް ވަރަށް މުހިންމު އަދި ޚާއްސަ ސްޕޮންސަރޝިޕެއްކަމަށާއި މި އަހަރަކީ ޤައުމީ ޓެނިސް ޗެންޕިއަންޝިޕު ބާއްވަމުން އަންނަތާ 50 އަހަރު ފުރޭ އަހަރުކަމުން، މި ސްޕޮންސަޝިޕު އިތުރަށް ޚާއްސަ ވެގެންދާނެކަމަށެވެ.

''މި ކުޅިވަރު މަޤްބޫލުވެގެންދާއިރު، އެސޯސިއޭޝަނުން ތަމްރީނު ކުރަމުންމިދަނީ ޒުވާން މޮޅެތި ކުޅުންތެރިންކަން ފާހަގަކޮށްލެވޭ. އަދި އެސޯސިއޭޝަނަށް އެހީތެރިކަން ފޯރިކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،'' ސޯޔާ ވިދާޅުވިއެވެ.

ބީއެމްއެލުން ބުނީ މިއީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން ސޮއިކުރެވުނު އެއްބަސްވުމެއްކަމަށެވެ.