ޚަބަރު

މާދަމާގެ މެޗުގައި ސެންޓޭއާއި ރިޒޭ ކުޅޭނެ: މޯހަން


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާދަމާ ހަވީރު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާއި ދެކޮޅަށް ކުޅޭ މެޗުގައި އެ ޓީމުގެ މުހިއްމު ދެ ކުޅުންތެރިންކަމަށްވާ އަލީ ފާސިރު (ސެންޓޭ)އާއި އަޙްމަދު ރިޒުވާން (ރިޒޭ) ކުޅޭނެކަމަށް ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ޔުނައިޓެޑް ވިކްޓްރީއާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަ ދައްކަމުން މޯހަން ބުނީ ޤައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވި މައްސަލައިގައި ބޮޑު ޖޫރިމަނާއަކާ ކުރިމަތިލާންޖެހުނު ކުރި ސެންޓޭއާ ރިޒޭ މާދަމާގެ މެޗުގައި ކުޅެވޭނެކަމަށް އީގަލްސްގެ މެނޭޖްމަންޓުން އަންގާފައިވާކަމަށެވެ. މޯހަން ބުނީ މި މައްސަލައިގައި ވާހަކަ ދެއްކުން އެންމެ ރަނގަޅުވަނީ ޓީމުގެ މެނޭޖްމަންޓުންކަމަށާާއި އޭނާއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މާދަމާގެ މެޗުގައި އެ ދެ ކުޅުންތެރިންވެސް ފެނިގެންދާނެކަމަށެވެ.

ދިގު މުއްދަތަކަށްފަހު، ލީގުގެ ކުޅުން އަލުން ފަށާއިރު، ޓީމު އޮތް ހާލަތާއި ގުޅޭގޮތުން ވާހަކަ ދައްކަމުން މޯހަން ބުނީ ޤައުމީ ޓީމަށް ކުޅުންތެރިން ދޫކުރުމަށްފަހު އެ ޓީމުގައި ދެން ތިބި ކުޅުންތެރިންނާއެކު ވަރަށް ރަނގަޅު ފަރިތަކުރުންތަކެއް ބޭއްވުނުކަމަށާއި ދިމާވި ހަމައެކަނި މައްސަލައަކީ އެކުވެރިކަމުގެ މެޗެއް ކުޅުމުގެ ފުރުޞަތު ނުލިބުންކަމަށެވެ.

"މާދަމާގެ މެޗުގައި ރިޒޭއާއި ސެންޓޭ ފެނުން ވަރަށް ގާތް. ދެން ތި ކަމުގައި ވާހަކަ ދެއްކުން އެންމެ ރަނގަޅުވަނީ ޓީމުގެ މެނޭޖުމަންޓު. އެ ކުޅުންތެރިން މެނޭޖުމަންޓާއި ގުޅިގެން އެކަން ހަމަޖައްސާނެ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހުރިހާ ކުޅުންތެރިންވެސް މާދަމާގެ މެޗުގައި ކުޅޭނެ. ދެން ނޫމާނަށް އަނިޔާގެ ސަބަބުން ކުރިިއަށް އޮތް ދެ މެޗުގައިވެސް ނުކުޅެވޭނެ. އަނެއްކޮޅުން ބަލާއިރު، ބޮޑު ބްރޭކަކަށްފަހު އަލުން ލީގު ފަށާއިރު، ޓީމުގެ ހަލާތު ރަނގަަޅު،" ކުލަބު އީގަލްސްގެ ކޯޗު ބުންޏެވެ.

އީގަލްސްގެ ޑިފެންޑަރު އަޙްމަދު ނޫމާން (ހެލްމެޓް)އަށް ނުކުޅެވޭނީ މި މަހުގެ 10ވަނަ ދުވަހު ވޯލްޑު ކަޕު އަދި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަންގައި މާލޭގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވުމުންނެވެ. މޯހަން ބުނީ ނޫމާނަށް މާދަމާގެ މެޗުގައި ނުކުޅެވޭއިރު، މި މަހުގެ 24ވަނަ ދުވަހު ދަ ގްރާންޑޭއާ ދެކޮޅަށް ކުޅޭ މެޗުގައިވެސް އޭނާއަށް ނުކުޅެވޭނެކަމަށެވެ.

ލީގުގެ ކުޅުން މާދަމާ ފަށާއިރު، އީގަލްސް އޮތީ ތާވަލުގެ ތިންވަނައިގައެވެ. އެއީ ކުޅުނު 6 މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި ކުޅުނު 7 މެޗުން 17 ޕޮއިންޓު ހޯދައިގެން އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. ޔޫވީ އޮތީ ކުޅުނު 6 މެޗުން ލިބުނު 6 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ.