ޚަބަރު

މޯލްޑިވްސް އިންޓަރނޭޝަނަލް ފިއުޗަރ ސީރީޒް ނައިބު ރައީސް ހުޅުއްވައިދެއްވައިފި


ދިވެހިރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ ބެޑުމިންޓަން މުބާރާތެކަމަށްވާ މޯލްޑިވްސް އިންޓަރނޭޝަނަލް ފިއުޗަރ ސީރީޒް 2019 ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހުޅުއްވައިދެއްވައިފިއެވެ.

މި މުބާރާތް ހުޅުއްވައިދެއްވުމަށް މިއަދު ހަވީރު މާލޭ ކުޅިވަރު އެކުވެނީގައި ބޭއްވެވި ރަސްމިއްޔާތުގައި ބެޑުމިންޓަން އެސޯސިއޭޝަންގެ ފަރާތުން ވަނީ ނައިބު ރައީސް ފައިސަލް ނަސީމަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް ފިއުޗަރ ސީރީޒް 2019 ފެށުމުގެ ގޮތުން ބެޑުމިންޓަން ތިން މެޗެއް ކުޅެފައިވެއެވެ. މި ތިން މެޗުވެސް ކުޅެފައިވަނީ މަރާމާތަށްފަހު އަލުން ބޭނުން ކުރަންފެށި ކުޅިވަރު އެކުވެނީގެ އިންޑޯ ކޯޓުގައެވެ. ކުޅިވަރު އެކުވެނީގެ އިންޑޯ ކޯޓު އަލުން ހުޅުވާފައިވަނީ އިތުރު ކޯޓުތަކާއެކު ކުރިއަށްވުރެ ހޫނުމިން ދަށްކުރެވި، ބައިނަލްއަޤްވާމީ ފެންވަރުގެ ފްލޯރިން އަދި ލައިޓިންއާއެކުއެވެ.

މި މަހުގެ 17ން 29އަށް މާލޭގައި ބާއްވާ މޯލްޑިވްސް އިންޓަރނޭޝަނަލް ބެޑުމިންޓަން ފިއުޗަރ ސީރީޒާއި މޯލްޑިވްސް އިންޓަރނޭޝަނަލް ބެޑުމިންޓަން ޗެލެންޖުގައި 45 ޤައުމަކުން 250އަށްވުރެ ގިނަ ކުޅުންތެރިންވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ވިލާތުގެ ބައެއް ޤައުމުތަކުގެ ކުޅުންތެރިންވެސް ހިމެނެއެވެ.