ޚަބަރު

ފިއްލެވި މައްސަލާގައި ކުރި ދަޢުވާއަށް އަދީބު އިއުތިރާފުވެވަޑައިގެންފި


ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގެންނެވި މައްސަލާގައި ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލި، ޤާނޫނު ހިންގަން ހުރަސް އެޅުމުގެ ކުށުގެ ދަޢުވާއަށް އަދީބު މިއަދު އިއުތިރާފުވެވަޑައިގެންފިއެވެ.

ސުޕްރީމް ކޯޓުގެ އަމުރަކަށް ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ޓަގްބޯޓެއްގައި ރާއްޖެއިން ބޭރަށް ފިއްލަވައިގެން ވަޑައިގެންނެވި މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ޤާނޫނު ތަންފީޒުކުރަން ހުރަސްއެޅުމުގެ ދައުވާއެވެ. އެދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބޭއްވީ މިއަދު ހެނދުނުއެވެ. ދައުލަތުން ދައުވާ އިއްވުމުން އަދީބު ވިދާޅުވީ މުޅި ދައުވާއަށް އިއުތިރާފުވަޑައިގަންނަވާ ކަމަށެވެ. އަދި ހަމައެއާއެކު އެމަނިކުފާނު ކުށަށް ވެވަޑައިގެންނެވި އެއިއުތިރާފަކީ އެއްވެސް މަޖުބޫރުކަމެއް، އަދި ނުފޫޒެއް ނެތި ވެވަޑައިގެންނެވި އިއުތިރާފެއް ކަމަށް ވެސް ޝަރީއަތުގެ މަޖިލީހުގައި އަދީބުވަނީ ވިދާޅުވެފައެވެ.

ފިއްލަވައިގެން ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް އަދީބު ގެނައީ މިދިޔަ އޮގަސްޓް މަހުގެ 3ވަނަ ދުވަހުއެވެ. އަދީބު ދަޢުވާއަށް އިއުތިރާފުވެވަޑައިގަތުމާގުޅިގެން ޤާނޫނުލްއުގޫބާތުގައިވާ ގޮތުގެމަތިން އަދެބެއްގެ ގޮތުން ތިން މަހާއި އަށާރަ ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރެވޭނެއެވެ.

މައްސަލަ ބައްލަވާ ގާޒީ އިސްމާޢީލް ރަޝީދު ވިދާޅުވީ ދެން މިމައްސަލައިގައި އޮންނާނީ އަވަސް ނިޔާގެ ޝަރީއަތް ކަމަށެވެ. ޖިނާއީ އިޖްރާއަތުގެ ޤާނޫނުގައިވާގޮތުން ދަޢުވާއަށް އިއުތިރާފުވާ ހާލަތުގައި އަވަސް ނިޔާގެ ޝަރީއަތެއް 5 ދުވަސް ތެރޭގައި ބާއްވަން ޖެހޭނެކަން ގާޒީ ފާހަގަ ކުރެއްވިއެވެެ. އެޝަރީއަތުގެ މަޖިލީހުގައި އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ދެފަރާތައް ވެސް ފުރުސަތު ދިނުމަށްފަހު ހުކުމްކުރާނެއެވެ.

އަދީބު ވަނީ އޭނާގެ ސިއްޙީ ޙާލަތު ބަޔާންކުރާ ލިޔެކިޔުންތައް ޝަރީއަތައް ހުށައަޅުއްވާފައެވެ. އަދި އެކުށުގެ އަދަބު ކަނޑައަޅުއްވާއިރު ސިއްހީ ހާލަތައް ރިޔާއަތްކުރެއްވުމަށް އެދިވަޑައިގެން، މިހާރު އޭނާ ހުންނެވީ ގޭބަންދަށް ބަދަލު ކުރައްވާފައިކަން އަދީބު ފާހަގަކުރެއްވިއެވެ.

އަދީބުގެ މައްޗަށް ދަށުކޯޓުން އިއްވި ޖަލު ހުކުމެއް ހައިކޯޓުން ބާޠިލްކޮށްފައިވާ މައްސަލައިގެ އިސްތިއުނާފު މައްސަލަ ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އެއަމުރުގެ ދަށުން ޖަލުގައި ބެހެއްޓެވުމަށްފަހު މިހާރު ހުންނެވީ ޓެގް އެޅުވުމަށްފަހު މޮނިޓަރ ކުރެވޭ ގޮތައް ގޭބަންދުގައި ބަހައްޓާފައެވެ.