ޚަބަރު

އަންނައަހަރު ނިމޭއިރު ކޮންމެ ރަށަކުންވެސް 30 މިނެޓްތެރޭގައި އެއަރޕޯޯޓަށް ދެވޭނެ - ރީޖަނަލް އެއަރޕޯޓްސް


މ.މުލީގައި ހަދާ އެއަރޕޯޓާއެކު ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓް ތެރޭގައި އެއަރޕޯޯޓަށް ދެވޭނެކަމަށް ކަނޑައެޅި ސިޔާސަތު އަންނަ އަހަރު ފުއްދޭނެކަމަށް ރީޖަނަލް އެއަރޕޯޓްސް ކުންފުނިން ހާމަކުރައްވައިފިއެވެ. 30 މިނެޓް ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އެއަރޕޯޓަކާ ހަމައަށް ދެވޭނެ މަގު ފަހިކޮށްދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެކެވެ.

ވައިގެ މަގުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއް ގުޅާލުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޒުހައިރު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ތަރައްޤީކުރަމުންދާ އެއަރޕޯޓްތަކުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމައި އޮޕަރޭޝަނަށް ގެނެވޭނެކަމަށެވެ. އެއަރޕޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށާ، ގިނަ އެއަރޕޯޓްތައް ހެދުމަށް ބޭނުންވާ ބިން ހިއްކައި ނިމި ރަންވޭ ހެދުމަށް ތައްޔާރުވަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

ޒުހައިރު ވިދާޅުވީ ހޯރަފުށްޓާއި ފަރެސްމާތޮޑާގައި އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކައި ނިމިފައިވާކަމަށާއި، އެ އެއަރޕޯޓްތަކުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށެވެ. ށ.ފުނަދޫގައި ތަރައްޤީކުރާ އެއަރޕޯޓް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ހުޅުވާ އޮޕަރޭޝަނަށް ގެނެވޭނެކަމަށް ލަފާކުރެވޭކަމަށާއި، ގދ.މާވާރުލު އެއަރޕޯޓް މިއަހަރު ފަހުކޮޅު ނިމޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ޅ.މަޑިވަރު އެއަރޕޯޓްގެ މަސައްކަތްވެސް ނިންމައި އޮޕަރޭޝަންތައް އަންނަ އަހަރު މާޗްގައި ފެށޭނެކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ޒުހައިރުގެ ވާހަކަފުޅުގައި ނ.މާފަރު އެއަރޕޯޓްގެ މަސައްކަތްވެސް ނިމި މިއަހަރު ނިމުމުގެ ކުރިން ހުޅުވޭނެކަން ފާހަގަކުރައްވައި ވިދާޅުވީ، މ.މުލީގައި ތަރައްޤީކުރާ އެއަރޕޯޓާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ތިރީސް މިނެޓް ތެރޭގައި އެއަރޕޯޓަށް ދެވޭނެގޮތް ހަމަޖެއްސުމށް ސަރުކާރުން ވެފައިވާ ވަޢުދު ފުއްދޭނެކަމަށެވެ. މުލީގައި މިހާރު ކުރިއަށްދަނީ އެއަރޕޯޓް ހެދުމަށް ބިން ހިއްކުމުގެ މަސައްކަތެވެ.

"ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭނަގަ އެބައިން ތިރީސް މިނެޓް ރޭޑިއަސްގަ އެއަރޕޯޓެއް. އެއަށްބަލާނަމަ އަޅުގަނޑުމެން މިހާރު ފެންނަ ގޮތުގަ މިހާރު މަދީ އެންމެ އެއަރޕޯޓެއް. އެއީ މ.މުލި. އެ ނިމުނީމަ އެއިރުން ކަވަރުވޭ." ޓްރާންސް ޕޯޓް މިނިސްޓޤރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޒުހައިރު ވިދާޅުވިއެވެ.

ރީޖަނަލް އެއަރޕޯޓްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަޤީލް ވިދާޅުވީ، 30 މިނެޓުން އެއަރޕޯޓަށް ދިއުމަށް ކޮންމެ އަތޮޅެއްގައި އެއަރޕޯޓެއް އޮތުން މުހިންމު ނޫންކަމަށެވެ. ޖިއޮގްރަފީގޮތުން ރާއްޖެ އުފެދިފައިވާގޮތަށް ބަލާއިރު ބައެއް އަތޮޅުތަކުގައި އެއަރޕޯޓް ތަރައްޤީ ނުކުރިނަމަވެސް ސަރުކާރުން ކަނޑައެޅި ސިޔާސަތު ތަންފީޒްކުރެވޭނެކަމަށް ސާމީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސަރުކާރުން އެކުލަވާލާ ނޭޝަނަލް ޕްލޭންގައި ވާގޮތަށް ރާއްޖެ 5 ސަރަހައްދަކަށް ބަހާލައިގެން ތަރައްޤީކުރާއިރު 5 އިންޓަރނޭޝަނަލް އެއަރޕޯޓް އޮންނާނެއެވެ.

"މިސާލަކަށް ހުވަދޫގައ 4 އެއަރޕޯޓް. އެކަމު ވާވު އަތޮޅުގަ އެއަރޕޯޓެއް ނެތް. އ.އަތޮޅުގަ މާމިގިލީ އެކަނި ދެއްތޯ. އެކަމު މާލެއާއި ވަރަށް ކައިރީގަ އިރުމަތީ ބިތް މިއޮތީ. ބައެއް އަތޮޅުތަކަށް ދެ އެއަރޕޯޓް އައިސްގެން މި ކަވަރޭޖް މި ލިބެނީ." ސާމީ ވިދާޅުވިއެވެ.

ރީޖަނަލް އެއަރޕޯޓްސް އިން ވިދާޅުވީ، 30 މިނެޓުން މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އެއަރޕޯޓަށް ދެވޭނެ މަގު ފަހިވެގެންދާއިރު ހދ.މަކުނުދޫގެ ރައްޔިތުންނަށް އެހެން ގޮތެއް ހޯދައިދޭންޖެހޭކަމަށެވެ. އެގޮތުން އެރަށް އޮންނަނީ ވަރަށް އެކަހެރި ސަރަހައްދެއްގައިކަން ފާހަގަކުރައްވާ ރީޖަނަލް އެއަރޕޯޓްސްއިން ވިދާޅުވީ، މަކުނުދޫއަށް ސީޕްލޭންފަދަ ޚިދުމަތެއް ތަޢާރަފްކުރުމުގެ ވިސްނުން ގެންގުޅޭކަމަށެވެ.
ރާއްޖޭގައި މިހާރުވެސް 13 އެއަރޕޯޓްގެ ޚިދުމަތް އަންނަނީ ދެމުންނެވެ.