ޚަބަރު

ގްރޭޓަރ މާލެ ސަރަހައްދު ގުޅާލުމަށް އަބޫދާބީ ފަންޑުން އެހީދެނީ


މާލެއާއި ވިލިމާލެއާއި ތިލަފުށްޓާއި ގުޅީފަޅު ބްރިޖަކުން ގުޅާލުމަށް ޔޫއޭއީގެ އަބޫދާބީ ފަންޑުން އެހީވާނެކަމުގެ ޔަޤީންކަން ދީފިއެވެ.

އަބޫދާބީ ފަންޑުން މި ޔަޤީންކަން ދެއްވާފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސައިފް އަލް ސުވައިދީއާ މިއަދު ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައެވެ.
ދެބޭފުޅުންގެ މަޝްވަރާތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަފުޅު ދައްކަވަމުން ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ.ޙުސައިން ނިޔާޒް ވިދާޅުވީ، ޑިރެކްޓަރ ޖެނެރަލާއި ފޮރިން މިނިސްޓަރ ކުރެއްވި މަޝްވަރާތަކުގައި އެންމެ މުހިންމު ކަމަކަށް މަޝްވަރާކުރެއްވީ އަބޫދާބީ ފަންޑުގެ ހިލޭ އެހީގެދަށުން ތަރައްޤީކުރާ މާފަރު އެއަރޕޯޓް ނިންމާ އޮޕަރޭޝަނަށް ގެނައުމާއި ގުޅޭގޮތުންކަމަށެވެ. އެގޮތުން އެއަރޕޯޓްގެ މަސައްކަތްތައް ވަރަށް އަވަހަށް ނިންމާ ދިވެހި ސަރުކާރާއި ގުޅިގެން އެއަރޕޯޓްގެ އޮޕަރޭޝަންތައް ހިންގާނެ ގޮތާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ސަފީރު ވިދާޅުވިއެވެ.

މާފަރު އެއަރޕޯޓްގެ މަސައްކަތް ނިންމާ މިއަހަރު ނިމުމުގެ ކުރިން ހުޅުވާނެކަމަށް ދިވެހި ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މާފަރު އެއަރޕޯޓު ހަދާފައިވަނީ 2.2 ކިލޯމީޓަރުގެ ރަންވޭއަކާއެކުއެވެ. މިހާރު ހަދާފައިވާ ރަންވޭއަށް އޭ320 މަރުކާގެ މަތިންދާ ބޯޓު ޖެއްސޭ ފެންވަރަށް ހަދާ އެއަރޕޯޓެކެވެ.

މީގެ އިތުރުން ދެބޭފުޅުން ކުރެއްވި މަޝްވަރާތަކުގެ ތެރެއިން ސަރުކާރުން ރާއްޖޭގައި ކުރިއަށްގެންދާ ބޮޑެތި މަޝްރޫޢުތަކަށް އެހީތެރިވާނެކަމުގެ ޔަޤީން އަބޫދާބީ ފަންޑުގެ ޑިރެކްޓަރ ޖެނެރަލް ދެއްވާފައިވާކަމަށްވެސް ސަފީރު ވިދާޅުވިއެވެ. އެގޮތުން ގްރޭޓަރ މާލެ ގުޅާލުމަށް ސަރުކާރުންކުރާ މަސައްކަތްތަކަށް އެހީތެރިވާނެކަމުގެ ޔަޤީންކަން އަބޫދާބީ ފަންޑުން ދީފައިވާކަމަށާއި، އައްޑޫ ތަރައްީއަށްވެސް އެހީވާނެކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

"ކުރިއަށް އޮތްތާގައި ހިންގުމަށް ސަރުކާރުން ކަނޑައަޅާފައިހުރި ބޮޑެތި ޕްރޮޖެކްޓްތަކަށްވެސް އަބޫދާބީ ފަންޑުން އެޙިވާނެކަމުގެ ޔަޤީންކަން މިނިސްޓަރަށް ދެއްވި. އެގޮތުން ރާއްޖެއިން ޔޫއޭއީއަށް ޕްރޮޕޯސް ކޮށްފައިވާ ގްރޭޓަރ މާލެ ކަނެކްޓިވިޓީ، މާލެ ސަރަޙައްދު ގުޅާލުމުގެ ޕްރޮޖެކްޓް، އައްޑޫ ޕްރޮޖެކްޓަށްވެސް އެހީވާނެކަމަށް ޔަޤީންކަން ދެއްވި." ޔޫއޭއީގައި ހުންނަ ދިވެހި ސަފީރު ވިދާޅުވި.

މާލެއާއި ވިލިމާލެއާއި ތިލަފުށްޓާއި ގުޅީފަޅު ބްރިޖަކުން ގުޅާލުމުގެ ޢަމަލީ މަސައްކަތް އަންނައަހަރުގެ ފެބްރުއަރީމަހު ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވިދާޅުވެފައެވެ. ގްރޭޓަރ މާލޭ ސަރަޙައްދު، އެއްވިއުގައަކުން ގުޅާލުމަށް މިސަރުކާރުން ވެފައިވާ ވަޢުދުގެ ދަށުން މާލެއާއި ވިލިމާލެއާއި ތިލަފުށްޓާއި ގުޅީފަޅު ގުޅާލުމުގެ މަސައްކަތަށް ބޭނުންވާ ދިރާސާތައް ކުރަމުންދާކަމަށާ، އަންނަ ނޮވެމްބަރުމަހުގެ ތެރޭގައި އެސަރަޙައްދުގައި ބްރިޖުތައް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ. މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ބްރިޖަކުން ގުޅާލުމުގެ މަޝްރޫޢުއަށް 488 މިލިއަން ޑޮލަރު ނުވަތަ 7.5 ބިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.

ސަފީރު ވިދާޅުވީ ރާއްޖޭގެ ބަޖެޓް ސަޕޯޓަށްވެސް އަބޫދާބީ ފަންޑުން އެހީދިނުމަށް ނިންމާފައިވާކަމަށެވެ.