ސިޔާސީ

ހައިކޯޓްގެ ފަނޑިޔާރު ޙަސަން ޢަލީ ސަސްޕެންޑްކޮށްފި


ރަހީނުކުރުމަށްފަހު މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟުވާނު ޢަބްދުﷲ ރާއްޖެއިން ބޭރަށްގޮސް މަރުވެފައިވާކަން ދެއްކުމަށް މަސައްކަތްކުރިކަމުގެ ތުހުމަތުގައި ހައިކޯޓްގެ ފަނޑިޔާރު ޙަސަން ޢަލީ، ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީން ސަސްޕެންޑްކޮށްފިއެވެ.

ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ފަނޑިޔާރު ޙަސަން ޢަލީ ސަސްޕެންޑްކުރަން ނިންމާފައިވަނީ އަޙްމަދު ރިޟްވާން ގެއްލިފައިވާ މައްސަލަ 2014ވަނަ އަހަރު ތަޙްޤީޤްކުރުމުގެ ތެރޭގައި އެއިރުގެ އިމިގްރޭޝަން ކޮންޓްރޯލާގެ މަޤާމުގައި ޙަސަން ޢަލީ ހުންނަވާ ފުލުހުންގެ އިންޓެލްގައި މަސައްކަތްކުރާ ދެ ފުލުހުންނާއި ގުޅިގެން ރިޟްވާނު ރާއްޖެއިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކައި ޓްރެވެލް ޑޮކިއުމަންޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭތީކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

އެތުހުމަތުތައް ހައިކޯޓްގެ މިހާރުގެ ފަނޑިޔާރު ޙަސަން ޢަލީގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަނުން ތަޙްޤީޤްކުރަމުންދާކަމުގެ މަޢުލޫމާތު ޖޭއެސްސީއަށް މިއަދު ރަސްމީކޮށް އަންގާފައިވާކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.

އެހެންކަމުން ފަނޑިޔާރު ޙަސަން ޢަލީ ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތުތަކާއި، ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާއި، ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ޖޭއެސްސީގެ ބައްލުވުމުގައި ނިންމާފައިވާކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެއެވެ.

ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސް ޙުސްނުއްސުޢޫދު ވަނީ ރިޟުވާނުގެ މަރުގެ މައްސަލައާ ގުޅިގެން އޭނާ ފިލައިގެން ގޮސް ސީރީޔާގައި މަރުވިކަމަށް ދެއްކުމަށް އޭރުގެ ނާއިބު ރައީސް އަޙްމަދު އަދީބު ފޮނުވި ދެފުލުހުންގެ އިންޓެލިޖެންސް އޮފިސަރުން އޭރުގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމުގައި ހުންނެވި ޙަސަން ޢަލީއާ ބައްދަލުކޮށް ރިޟުވާންގެ ޕާސްޕޯޓުގެ ކޮޕީއެއް ހޯދުމަށް އެދުނުކަމަށް ޙަސަން ޢަލީ، ހެކިބަސް ދީފައިވާކަމަށް. އަދި އެގޮތަށް އެކަން ކުރީ ރިޟުވާންގެ ވާހަކަތައް ހުއްޓުވާލުމަށްކަމަށްވެސް އެ އޮފިސަރުން ބުނިކަމަށް ޙަސަން ޢަލީ ބުނެފައިވާކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.

އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ނޫސްވެރިއާ އަޙްމަދު ރިޟުވާން މަރާލާލާފައިވަނީ ކަނޑުމައްޗަށް ގެންގޮސް ބޯބުރިކޮށްލައިގެން ކަމަށާ، އެއަށްފަހު އޭނާ ކަނޑުފައްތާލާފައިވާކަމަށް އެ ކޮމިޝަނުން އެކުލަވާލި ޚުލާސާ ރިޕޯޓްގައިވެއެވެ.