ޚަބަރު

ޤަވާޢިދާ ޚިލާފަށް ރާއްޖެއަށް މީހުން އެތެރެކުރުމުގެ ތުހުމަތުގައި 24 ކުންފުންޏެއްގެ މައްސަލަ ބަލަނީ


ޤަވާއިދާ ޚިލާފަށް ރާއްޖެއަށް މީހުން އެތެރެކުރާކަމަށް ޝައްކުކުރެވޭ 24 ކުންފުންޏަކާ ގުޅޭ މައްސަލަތަކެއް ބަލަމުންދާކަން މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރައްވައިފިއެވެ.

އިމިގްރޭޝަންގެ ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރ މުޙައްމަދު ޝިފާން ވިދާޅުވީ އިންސާނީ ވަގުފާރި ހިންގާކަމަށް ޝައްކުކުރެވޭ ކުންފުނިތަކުގެ މައްސަލަތައް ބަލަމުން އަންނަނީ ފުލުހުންނާވެސް ގުޅިގެންކަމަށެވެ. އެކަން ފުލުހުންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ޝިފާން ވިދާޅުވީ މިމައްސަލަތަކަކީ މީގެ 2 މަސްކުރިން ބެލިބެލުމުން އިންސާނީ ވަގުފާރިއަށް މަގުފަހިވާގޮތަށް ޤަވާޢިދާ ޚިލާފަށް ރާއްޖެއަށް މީހުން އެތެރެކުރާކަމަށް ޝައްކުކުރެވޭތީ އިތުރަށް ބަލަންފެށި މައްސަލަތަކެއްކަމަށެވެ.

އޭނާ ވިދާޅުވީ މިކުންފުނިތަކުން އިމިގްރޭޝަނަށް ހުށަހަޅާފައިހުރި ޑޮކިއުމަންޓްސްތަކުގައި މަކަރާއި ޙީލަތްހުރިކަމަމަށް ފެނިފައިވާކަމަށެވެ. ޝިފާން ވިދާޅުވީ ގިނަ ބިދޭސީންތަކެއް މިކުންފުނިން މިހާތަނަށް އެތެރެކުރައްވާފައިވާކަމަށެވެ. އިންސާނީ ވަގުފާރިއަށް މަގުފަހިކުރެވޭކަމުގެ ތުހުމަތުގައި ތަޙުގީގުކުރިއަށްގެންދާ 24 ކުންފުންޏަކީވެސް ރާއްޖޭގައި ހިންގަމުންއަންނަ ދިވެހި ކުންފުނިތަކެވެ. މިހާރު ތަޙުގީގު ހިނގަމުންދާ މައްސަލައަކަށްވާތީ މިމައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު އިމިގްރޭޝަނުންނާއި ފުލުހުންވެސް ހާމަކުރައްވާފައެއް ނުވެއެވެ.

ރާއްޖޭއަށް ޤަވާއިދާ ޚިލާފަށް ބިދޭސީން އެތެރެކުރާކަމުގެ ތުހުމަތުކުރެވޭ 2 މީހަކު މިދިޔަ ހަފްތާގައިވަނީ ޑިޕޯޓުކޮށްލާފައެވެ. މިދެމައްސަލައާ ގުޅިގެން ޢާއްމުންގެ ކަންބޮޑުވުމާއި ފާޑުކިޔުންވަނީ އިމިގްރޭޝަނަށް އަމާޒުވެފައެވެ. އެކަމާގުޅިގެން އެއިދާރާއިން ވިދާޅުވީ އިމިގްރޭޝަނަށް އެޅޭނީ އިދާރީ ފިޔަވަޅުތައްކަމަށާ، ޖިނާއީ ތަޙުގީގު ހިންގާނީ ފުލުހުންކަމަށެވެ. އެހެންކަމުން ރާއްޖެއަށް ޤަވާއިދަ ޚިލާފަށް މީހުން އެތެރެކުރާ ކަމުގެ ތުހުމަތު ކުރެވޭ 24 ކުންފުނީގެ މައްސަލަ މިހާއި އިމިގްރޭޝަނުން ބަލަމުން އަންނަނީ ފުލުހުންގެ އެހީއާއެކުގައެވެ.