ޚަބަރު

ބިމާއިބެހޭ ޤާނޫނަށް އިސްލާހެއް ހުށަހަޅައިފި


ހަސަތޭކަ އަކަފޫޓު ހަމަނުވާ ގޯތިތައްވެސް ރަޖިސްޓްރީ ކުރެވޭނެގޮތަށް ބިމާއި ބެހޭ ގާނޫނަށް އިސްލާހެއް ހުށައަޅައިފިއެވެ.މިއިސްލާހު ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާާއިރާގެ މެމްބަރު ރިޔާޒް ރަޝީދުއެވެ.ބިމާ ބެހޭ ގާނޫނުގައި މިހާރު ބުނެފައިވަނީ، ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެ ނަމަ އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުސޫލުން ލިބޭ ބައެއްގެ މެދުގައި ބެހޭނީ ހަސަތޭކަ އަކަފޫޓަށް ވުރެ ކުޑަ ނުވާ މިންވަރަކަށްކަމުގައެވެ. އަދި ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުސޫލުން ލިބޭ މީހުންގެ މެދުގައި ގޯއްޗެއް ބައި ކުރެވޭއިރު އޭގެ ތެރެއިން ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗެއްގެ ބައެއް ލިބިފައިވާ މީހަކަށް ޖެހޭ ބައި ހަސަތޭކަ އަކަފޫޓަށްވުރެ ކުޑަވެއްޖެ ނަމަ ބައި ކުރެވޭ ގޯތީގެ ބިމަކުން އެމީހަކަށް ނުލިބޭނެކަމަށެވެ.ނަމަވެސް ރިޔާޒް ހުށައެޅުއްވި އިސްލާހުގައި ބުނެފައިވަނީ، ބަންޑާރ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ އެގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުސޫލުން ލިބޭ ބައެއްގެ މެދުގައި އެގޯއްޗެއް ވަކި  ގޯތިތަކަކަށް ބައިކޮށް ވަކިކޮށްދެވިދާނެކަމަށެވެ. އަދި ތަރިކައިގެ އުސޫލުން އެތަނެއް ލިބޭ އެންމެންގެ ނަމުގައި އެބަޔަކު އެދޭނަމަ އެގޯއްޗެއް ރަޖިސްޓްރިކޮށް ރަޖިސްޓްރީ ހަދައިދޭންވާނެކަމަށެވެ.މިއިސްލާހު ހުށައެޅުމުގެ މަޤްޞަދެއްކަމުގައި ބުނެފައިވަނީ، ތިނެއް ނުވަތަ ހަތަރު މީހުންނަށް ލިބޭ ބިންކޮޅު ނުވަތަ ގޯތި ހަސަތޭކަ އަކަފޫޓަށް ވުރެ ކުޑަނަމަ އެމީހުންނަށް ރަޖިސްޓްރި ނުލިބޭތީ ލޯނު ނަގަން ބޭނުންވެއްޖެ ހިނދެއްގައި ލޯނު ނެގުމަށާއ،ި ރަހުނު ކުރުން ފަދަ މުއާމަލާތްކުރުމަށް ދަތިވާތީކަމަށެވެ.މީގެ އިތުރުން ލޯކަލް ކައުންސިލްތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނުނަށް ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވަނީ އިސްލާހެއް ހުށައަޅާފައެވެ. އެ އިސްލާހުގައި ބުނެފައިވަނީ، ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެމްބަރަކު ވަކިވެއްޖެނަމަ ލަސްވެގެން ސާޅީސް ފަސް ދުވަހުގެ ތެރޭގައި އެމެމްބަރެއްގެ ބަދަލުގައި ލައުންސިލަށް މެމްބަރަކު އިންތިޚާބުކުރަން ވާނެކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ކައުންސިލްގެ ބައްދަލުވުމެއް ބޭއްވޭ މިންވަރަށް ޤާނޫނީ އަދަދު ހަމަވާވަރަށް މެމްބަރުން ތިބިނަމަ އާ މެމްބަރަކު އިންތިޚަބުކުރުން ލާޒިމު ނުވާނެކަމަށެވެ.