ޚަބަރު

މިސްރުގައި ކިޔަވާ ދަރިވަރުންނަށް ދިމާވާ ދަތިތައް އިސްލާމިކް މިނިސްޓަރާއި ޙިއްސާކޮށްފި


މިސްރުގައި ކިޔަވާ ދަރިވަރުންނަށް ދިމާވާ ދަތިތައް، މިނިސްޓަރ އޮފް އިސްލާމިކް އެފެއަރސް ޑރ.އަޙްމަދު ޒާހިރު އަލީއާއި ހިއްސާކޮށްފިއެވެ.

މިސްރުގައި ކިޔަވާ ދަރިވަރުންނާއި މިނިސްޓަރ ބައްދަލުކުރެއްވީ މިމަހުގެ ފަނަރައިން ސޯޅައަށް މިސްރުގެ ޤާހިރާގައި ކުރިއަށްދާ 30 ވަނަ "ޖެނެރަލް ކޮންފަރެންސް އޮފް ދަ އިޖިޕްޝަން ސުޕްރީމް ކައުންސިލް ފޯރ އިސްލާމިކް އެފެއާޒް" ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް މިސްރަށް ކުރައްވާ ދަތުރުފުޅުގައެވެ.

މި ދަރިވަރުން އެންމެ ބޮޑު ޝަކުވާއެއްގެ ގޮތުގައި މިނިސްޓަރަށް ހުށައަޅާފައިވަނީ ޒަކާތު ފަންޑުގެ އެހީގައާއި އަދި އެހެނިހެން ލޯނު އެހީތުގައި ކިޔަވާ ކުދިންނަށް ފައިސާގެ ކަންކަމުގައި ލުއި ފަސޭހަ ކޮށްދިނުމާ ގުޅޭގޮތުންނެވެ. އަދި ވަޒީފާގައި އުޅެމުން ކިޔަވަން ދާ ދަރިވަރުންނަށް ޕޭ ލީވްގައި ހުރެގެން ކިޔެވުމުގެ ފުރުޞަތު ހޯދޭނެ ގޮތާއި ގުޅޭގޮތުންވެސް މަޝްވަރާ ކޮށްފައިވެއެވެ.

ދަރިވަރުންގެ ޝަކުވާތައް ކަމާއި ގުޅޭ މިނިސްޓްރީތަކަށް ހުށައަޅައި އެކަންކަން ޙައްލުކޮށްދެއްވާނެކަމަށް މިނިސްޓަރ ޑރ.އަޙްމަދު ޒާހުރި ޢަލީ ވަނީ ވިދާޅުވެފައެވެ.