ޚަބަރު

މަރުތައް ތަޙްޤީޤުކުރާ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ


ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތަޙްޤީޤުކުރާ މައްސަލައަކާ ގުޅިގެން ހޯދާ މީހެއްގެ ވީޑިއޯ އިއުލާން ކޮށްފިއެވެ.

އެ ކޮމިޝަނުން އާންމުކުރި ވީޑިއޯގައި ފެންނަނީ މާލެ ހުޅުމާލެ ފެރީ ޓާރމިނަލް ކައިރިއަށް ފިރިހެނަކު ސައިލްގައި އައިސް މަޑުކޮށްލާ ތަނެވެ. ކޮމިޝަނުން ވިދާޅުވެފައިވަނީ އެ ވީޑިއޯއިން ފެންނަ އެ މީހަކީ އެ ކޮމިޝަނުން ތަހްގީގުކުރާ މައްސަލައަކާ ގުޅިގެން ހޯދާ މީހެއް ކަމެވެ. އެ ކޮމިޝަނުން ވަނީ އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތު އެ ކޮމިޝަނާ ހިއްސާ ކުރުމަށް އެދިފައެވެ.

ނަމަވެސް ހޯދަމުން ދަނީ ކޮން މައްސަލައެއްގެ ތަޙްޤީޤާ ގުޅޭ މީހެއް ކަމެއް އެ ކޮމިޝަނުން ހާމަކޮށްފައިއެއްނުވެއެވެ.

ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ރަހީނުކޮށް މަރާލި މައްސަލައިގައި އެ ކޮމިޝަމިޝަނުން ގެންދަނީ ފުލުހުންނާ ގުޅިގެން ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން މިހާތަނަށް އެ ކޮމިޝަނުގެ ބޭނުމަށް މާލެއާއި އައްޑޫ ސިޓީގެ ބައެއް ގެތަކާއި ބައެއް ތަންތަން ބަލާ ފާސް ކޮށްފައިވެއެވެ.