ވިޔަފާރި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ


ސަޢުދީ ޢަރަބިއްޔާގެ ތެޔޮ އުފައްދާ ދެ ޕްލާންޓަކަށް ދިން ޙަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެއެވެ.

ޚަބަރުތައް ބުނާގޮތުން ތެޔޮ ފީފާއެއްގެ އަގު 15 ޕަސަންޓާއި 20 ޕަސަންޓާއި ދެމެދުގެ މިންވަރަކުން އުފުލި، ފީފާއެއްގެ އަގު ވަނީ 71.95 ޑޮލަރަށް އަރާފައެވެ. މިއީ މިފަހުން ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެފައި މިވަނީ ސަޢުދީ ޢަރަބިއްޔާގެ ތެޔޮ އުފައްދާ ދެ ޕްލާންޓަކަށް ދިން ހަމަލާތަކަށްފަހު، އެޤައުމުން ތެޔޮ އުފައްދާ މިންވަރު ދަށްވުމުގެ ސަބަބުންނެވެ. އެގޮތުން ސަޢުދީން ތެޔޮ އުފައްދާ މިންވަރު ދެ ބައިކުޅަ އެއް ބަޔަށް މަދުވެފައިވާއިރު، މިއީ ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ ފަހެއް އިންސައްތައެވެ.

ޙަމަލާތަކަށްފަހު ސަޢުދީން ބާޒާރަށް ނެރޭ ތެލުގެ މިންވަރުން 5.7 މިލިއަން ފީފާ މަދުކޮށްފައިވާއިރު، ކުރިއެކޭ އެއްގޮތަށް ތެޔޮ އުފެއްދުމަށް ދުވަސްތަކެއް ނަގާނެކަމަށް ސަޢުދީގެ ތެޔޮ ކުންފުނި އަރަމްކޯއިން ބުނެއެވެ.

ސަޢުދީގައި ތެލުގެ ރަނގަޅު ސްޓޮކެއް ހުރުމުން އެޤައުމުން ތެޔޮ އެކްސްޕޯޓްކުރާ މިންވަރަށް ބަދަލެއް ނާންނަކަމަށް ތަޖުރިބާކާރުންނާ ޙަވާލާދީ ޚަބަރުތައް ބުނެއެވެ.

ސަޢުދީ ޢަރަބިއްޔާގެ އިރުމަތީގައި އޮންނަ ބަގީޤްއާއި ހިޖްރަތު ޚުރައިސްގައިވާ ތެޔޮ އުފައްދާ ދެ މަރުކަޒަކަށް ހޮނިހިރު ދުވަހު ދިން ޙަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ ޔަމަންގެ ހޫޘީ ޖަމާޢަތުންނެވެ. ނަމަވެސް އެމެރިކާއިން ތުހުމަތުކުރަނީ މިކަމުގެ ފަހަތުގައި ޢީރާނުގެ އަތެއްވާނެކަމަށެވެ. ނަމަވެސް އީރާނުން އެތުހުމަތުތައް ދޮގުކުރެއެވެ.