ޚަބަރު

ފަސް މީހުން ނިޔާވި ލޯންޗު ބަންޑުންޖަހާލި ސަރަހައްދުން ފޮށްޓެއް ފެނިއްޖެ


މިދިޔަ އޮގަސްޓް 29 ވަނަ ދުވަހު ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ.ހަނިމާދޫއަށް ދަތުރުކުރި ލޯންޗު ބަންޑުން ޖަހާލައި ފަސް މީހުން ނިޔާވި ސަރަހައްދު މޫދު އަޑިން ފޮށްޓެއް ފެނިއްޖެއެވެ.

އެ ސަރަހައްދު މޫދު އަޑިން ކަޅުކުލައިގެ މި ފޮށި ފެނިފައިވަނީ ރޭ އެސަރަޙައްދަށް ފީނަން ދިޔަ ބަޔަކަށެވެ.

ފީނުމުގެ ތެރޭގައި ފޮށި ފެނުނު މީހުންގެ ތެރެއިން އެކަކު މީސްމީޑީއާގައި ބުނެފައިވަނީ، ލޯންޗް ބަންޑުން ޖަހާލި ހިތާމަވެރި ހާދިސާ ހިނގި ސަރަހައްދުން ފެނުނު ފޮށި އަމާނާތްތެރި ކަމާއެކު، ހަނިމާދޫ ޕޮލިސް ސްޓޭޝަނާ ޙަވާލު ކޮށްފައިވާ ކަމަށެވެ.

މިދިޔަ މަހު 29 ވަނަ ދުވަހު ބަންޑުން ޖަހައިލި ލޯންޗުގައި ދަތުރު ކުރި މީހުންގެ ހުރިހާ އެއްޗެއް، އެ ޙާދިސާގައި ގެއްލިފައި ވީނަމަވެސް އެ ފޮށި ފިޔަވާ އެހެން އެއްވެސް އެއްޗެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.

އެދުވަހުގެ ލޯންޗު ބަންޑުން ޖަހާލުމުގެ ހިތާމަވެރި ހާދިސާގައި ނިޔާވެފައި ވަނީ ތިން އަންހެނުންނާއި ފިރިހެނެއްގެ އިތުރުން ކުޑަ ކުއްޖެކެވެ. އެއީ ހުސެއިން އަބްދުﷲ، މަރިޔަމް މައުސޫމް، (ހުސެއިންގެ އަންހެނުން) އަދި އެދެމަފިރިންގެ ދަރިފުޅު ފާޠިމަތު ގުރައިޝާ، އާއި ގުރައިޝާގެ ދަރިފުޅު އީރާ ހަސަން ޝިފާޒް، 3، ގެ އިތުރުން އައިޝަތު އަލީ އެވެ.