ޚަބަރު

ވިކްޓްރީގެ ކޯޗުކަމުން އިސްތިއުފާ ދިނީ ވަޢުދުވި ކަންތައްތައް ނުކޮށްދިނުމުން: މުޙައްމަދު އާދަމް


ވިކްޓްރީގެ ކޯޗުކަމުން އިސްތިޢުދާ ދިނީ މެނޭޖްމަންޓުން ކޮންދޭން ވަޢުދުވި ކަންތައްތައް ނުކޮށްދިނުމުން، ގިނަ ކުޅުންތެރިން ޓީމުގެ ފަރިތަކުރުންތަކަށް ހާޒިރުވުން ހުއްޓާލުމުންކަމަށް އިއްޔެއާ ހަމައަށް އެ ކުލަބުގެ ކޯޗުގެ މަޤާމުގައި ހުރި މުޙައްމަދު އާދަމް ބުނެފިއެވެ.

ވިކްޓްރީގެ ކޯޗުކަމުން އިސްތިޢުފާ ދިނުމަށް، އެ ކުލަބުގެ މެނޭޖްމަންޓަށް ފޮނުވި ސިޓީގައި މުޙައްމަދު އާދަމްވަނީ މުޙިއްމު 3 ކަމަކަށް ޗެއަރމަން އިބްރާހީމް ނާޝިދާއި ވައިސް ޗެއަރމަން މުއުރޫފް އަޙްމަދާއިއެކު އެއްބަސްވެފައިކަން ފާހަގަކޮށްފައެވެ. އެގޮތުން، ފުރަތަމަ ޑިވިޝަންގެ ތަޖުރިބާކާރު 5 ކުޅުންތެރިންނާއި ބިދޭސީ 4 ކުޅުންތެރިން ޓީމަށް ގެނައުމާއި އަތޮޅު ތެރެއިން އަންނަ ކުޅުންތެރިންނަށް ހުރުމާއި ކެއުމާއި ފައިސާ ބަރާބަރަށް ދިނުން އެއްބަސްވެފައިވާކަމަށް މުޙައްމަދު އާދަމްގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް މިއިން އެއްވެސް ކަމެއް ނުވެ، މުސާރައިގެ މައްސަލަ ކުރިމަތިވުމުން، ގިނަ ދުވަސްދުވަހު ފަރިތަކުރުމަށް ހާޒިރުވަނީ 6 ނުވަތަ 7 ކުޅުންތެރިންކަމަށް މުޙައްމަދު އާދަމް ބުންޏެވެ. އޭނާ ބުނީ މި ކަންކަން ޙައްލު ކުރުމަށް ތަކުރާރުކޮށް މެނޭޖްމަންޓުގައި އެދުނު ނަމަވެސް ޙައްލެއް ނުހޯދުނު ކަމަށެވެ. އޭނާ ބުނީ ވިކްޓްރީން އޭނާގާތުގައި އެދިފައިވަނީ މި ސީޒަނުގައި އެ ކުލަބު ރެލިގޭޓްނުވެ ފުރަތަމަ ޑިވިޝަނުގައި ބާއްވައިދިނުމަށްކަމަށާއި ނަމަވެސް އެއީ މުޅިން ޒުވާން ކުޅުންތެރިން ލައިގެން ކުރެވޭނެ ކަމެއް ނޫންކަމަށް ބުނެފައިވާނެކަމަށް މުޙައްމަދު އާދަމް ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓްރީ މި ވަގުތު އޮތީ ތާވަލުގެ ފުލުގައެވެ. މުޙައްމަދު އާދަމްގެ އިސްތިޢުފާއަށްފަހު، ޓީމުގެ ފަރިތަކުރުންތައް ކުރިއަށްގެންދަނީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އާދަމް ޢަބްދުއްލަޠީފް (ލައްޗޭ)އެވެ.