ޚަބަރު

ފަނޑިޔާރު އަޒްމިރާލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓުގެ މައްސަލަތައް ބައްލަވަން ފައްޓަވައިފި


ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދާދި ފަހުން އައްޔަން ކުރެއްވި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި އައިޝާ ޝުޖޫން ސުޕްރީމް ކޯޓުގައި މައްސަލަތައް ބައްލަވަން ފައްޓަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް އެ ދެ ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ މި މަހުގެ 4 ވަނަ ދުވަހުއެވެ.

އެ ދެ ފަނޑިޔާރުން ހިމެނޭ ބެންޗުން ބައްލަވާ ފުރަތަމަ މައްސަލަ އޮތީ މިއަދުއެވެ. ފަނޑިޔާރު ޑރ.ޝުޖޫން ފުރަތަމަ ބައްލަވަނީ ޤާނޫނާ ހިލާފަށް ފުލުހުންގެ ވަޒީފާއިން ވަކި ކުރިކަމަށް ބުނެ މުޙައްމަދު ފަޔާޒް ހުށައެޅި މައްސަލައިގައި ހައި ކޯޓުން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފުގެ މައްސަލައެވެ.

އެ މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ޝުޖޫންގެ އިތުރުން ދެން ތިއްބަވަނީ ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ އާއި ޢަބްދުލްޣަނީ މުޙައްމަދުއެވެ.

ފަނޑިޔާރު ޝުޖޫން ސުޕްރީމް ކޯޓުގައި ފުރަތަމަ ބައްލަވަނީ އެ ކޯޓަށް ހުށައަޅާފައިވާ ހަޟާނާތުގެ މައްސަލައެކެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވާ ބެންޗުގައި ޝުޖޫންގެ އިތުރުން އިންނަވަނީ ފަނޑިޔާރު ޢަބްދުﷲ އަރީފާއި ފަނޑިޔާރު ޢަބްދުލްޣަނީ އެވެ.