ޚަބަރު

2023 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޖޭޕީން ކެނޑިޑޭޓަކު ނެރޭނެ - ޤާސިމް


2023 ގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓަކު ރައީސުލްޖުމްހޫރިއްޔާކަމަށް ވާދަކުރާނެކަމަށް އެޕާޓީގެ ލީޑަރު މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއާ އަލަށް ގުޅުނު މެންބަރުން ސޮއިކުރުމަށް މ. ކުނޫޒްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ ޖުމްހޫރީ ޕާޓީ ރިޕޯމްކުރުމުގެ މަސައްކަތްތައް ފައްޓަވާފައިވާކަމަށެވެ. މިއާއެކު ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީން ކެނޑިޑޭޓަކު ވާދަކުރުމަކީ ކަށަވަރުކަމެއް ކަމަށާއި، އެކަމަށް ކުރިމަތިލާނީ އެމަނިކުފާނުތޯ ނުވަތަ އެހެން ބޭފުޅެއްތޯ ނިންމަވާނީ އެޕާޓީގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންކަމަށެވެ.

ޤާސިމް ވިދާޅުވީ ރާއްޖޭގައި ސިޔާސީ ގޮތުން ކުރިއަށްދާން އެންމެ ފަހި ފުރުޞަތުތަކެއް އޮތީ ޖުމްހޫރީ ޕާޓީގައިކަމަށެވެ.

"ރާއްޖޭގެ ލޮބުވެތި ރައްޔިތުން އެހެން ޕާޓީތަކަށްވެސް ފުރުސަތުދެއްވައިފި. އަޅުގަނޑުމެންގެ ބައިވެރިކުރުމާއި އެކީގައިވެސް ހުރިހާ ޕާޓީތަކަށްވެސް ފުރުސަތުދީފި. އެންމެވީމަ 2023 ގައި ދިވެހިރާއްޖޭގެ ރައީސަކު އިންތިޚާބުކުރުމައްޓަކައި ބާއްވާއިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓަކު ނިކުންނާނެ. އެދެން ކަށަވަރުކަމެއް" ޤާސިމް ވިދާޅުވިއެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ރިފޯމްކުރުމުގެ ގޮތުން ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ. މިކަމުގައި ކުރިއަށް އޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި މެންބަރުންގެ އަދަދު ތިރީސްހާހަށް އިތުރުކުރުމަކީ އަމާޒެއްކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ކޮންމެ އިދާރީ ދާއިރާއަކަށާ، ކޮންމެ ރަށެއްގައި ޖޫމްހޫރީ ޕާޓީގެ ގޮފިތައް ޤާއިމްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަން ޤާސިމް ފާހަގަކުރެއްވިއެވެ. ޤާސިމް ވިދާޅުވީ އެގޮފިތަކަށް މީހުން އިންތިޚާބުކުރުން މިއަހަރުގެ ނޮވެންބަރު މަހުގެތެރޭގައި އޮންނާނެކަމަށެވެ.

މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޤާސިމް އިބްރާހީމްވަނީ ޖުމްހޫރީ ޕާޓީން ސަރުކާރުގެ ހިމާޔަތުގައި ތިބޭނެކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ އެއްވެސް ބާވަތެއްގެ ވާހަކަތައް އެއްވެސް ފަރާތަކުން ނުދެއްކުމަށްވެސް ޤާސިމް ގޮވާލެއްވިއެވެ.