ކުޅިވަރު

66 ޓީމާއެކު ގޯލްޑަން ފުޓްސަލް ޗެލެންޖް ފަށައިފި


ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތްކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖް ރޭ ފަށައިފިއެވެ.

66 ޓީމާއެކު ހުޅުމާލޭގައި ފެށި މި މުބާރާތުގައި ރޭ 6 މެޗެއް ކުޅުނެވެ. އެގޮތުން، ރޭ ކުޅެފައިވަނީ މ. ގއ. އަދި ހދ. އަތޮޅުގެ މެޗުތަކެވެ. މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ މަޑުއްވަރީއާއި ދިއްގަރުއެވެ. މި މެޗު 3-4ގެ ނަތީޖާއަކުން ކާމިޔާބުކުރީ ދިއްގަރެވެ. މި މެޗުގައި ދިއްގަރު ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ރިފްއަތު، އާދަމް ޚަލީލް އަދި އަޙްމަދު މިދުހަތް މަހްމޫދެވެ. މަޑުއްވަރި ޓީމުގެ ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ، މުޙައްމަދު އާޒިމް އަލީ، ހަސަން އަލީ އަދި ޙުސައިން ނާއިމެވެ.

މުބާރާތުގައި ރޭ ނާލާފުށި އަދި މުލި ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ކޮނޑޭއާއި ކަނޑުހުޅުދޫ ބައްދަލުކުރި މެޗު 1-4ގެ ނަތީޖާއަކުން ކާމިިޔާބުކުރީ ކޮނޑޭއެވެ. މި މެޗުގައި ކޮނޑޭއިން ޖެހި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޝިނާޒް މުޙައްމަދު އަދި މުޙައްމަދު އިމްތިޔާޒް އަޙްމަދުގެ އިތުރުން މުޙައްމަދު ނާޝިދެވެ. ކަނޑުހުޅުދޫ ޓީމުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަސްރާރް ޢަލީއެވެ.

މުބާރާތުގައި ރޭ ކުޅުނު ހަތަރުވަނަ މެޗުގައި ނޭކުރެންދޫއިން ވަނީ ކުމުންދޫގެ މައްޗަށް 4-1ގެ ނަތީޖާއަކުން ކުރި ހޯދައިފައެވެ. ނޭކުރެންދޫ ޓީމުގެ ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ އިފާޒް އަދި އަޙްމަދު އިމާޒްގެ އިތުރުން މުޙައްމަދު ވިލްފެވެ.

މުބާރާތުގައި ރޭ ކޮލަމާފުއްޓާއި ނިލަންދޫ ބައްދަލުކުރި މެޗު 6-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިލަންދޫއެވެ. މި މެޗުގައި ނިލަންދޫ ޓީމުން ޖެހި ހަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު މަޢުފޫޒް އާދަމް ކާމިޔާބުކޮށްދިންއިރު އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ، ފަރުހާދް ރަޝީދުއެވެ. ކޮލަމާފުށިން ޖެހި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އާސިމް ހަނީފްއެވެ. ރޭ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ ނައިވައިދޫއާއި ނޮޅިވަރަމްފަރެއެވެ. މި މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުގައި ނޮޅިވަރަމްފަރު ޓީމުން ޖެހި ހަމައެކަނި ލަނޑު އަޙުމަދު ޝިޒާން ކާމިޔާބުކޮށްދިންއިރު، ނައިވައިދޫއިން ޖެހި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްމާޢީލް ވަޖީދެވެ.

މި މުބާރާތުގައި މިރޭވެސް 6 މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން، މިރޭ ކުޅޭނީ ހދ. ހއ. އަދި ގއ. އަތޮޅުގެ އިތުރުން ށ. އަތޮޅުގެ އަތޮޅު ބުރު މެޗުތަކެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ރެހެންދި ސްކޫލް ކައިރި އޮންނަ ޓާފު ފުޓްސަލް ދެ ދަނޑުގައެވެ.

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން 2015ވަނަ އަހަރުން ފެށިގެން ބާއްވާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް 65،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް ކަނޑައަޅާފައިވަނީ 25،000 ރުފިޔާއެވެ.