ޚަބަރު

ރިޟްވާން ސީރިއާގައި މަރުވެފައިވާކަމަށް ދައްކަން މަސައްކަތްކުރި އިންޓެލް ދެ ފުލުހުން ވަޒީފާއިން ވަކިކުރަން ނިންމައިފި


ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ސީރިޔާއަށްގޮސް މަރުވެފައިވާ ކަމަށް ދެއްކުމަށްޓަކައި، އޭނާގެ ޕާސްޕޯޓުގެ ކޮޕީއެއް އިމިގްރޭޝަނުން ހޯދުމަށް މަސައްކަތްކުރި އިންޓެލިޖެންސްގެ ދެ ފުލުހުން ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން އެ ދެ ފުލުހުންގެ މައްސަލަ ތަޙްޤީގުކޮށް ޑިސިޕްލިނަރީ ބޯޑަށް ހުށައެޅުމުން، ދެ ފުލުހުންވެސް ވަޒީފާއިންއިން ވަކިކުރުމަށް އެބޯޑުން ނިންމާފައިވާކަމަށެވެ.

ފުލުހުންގެ ޤަވާޢިދު ބުނާގޮތުން މިގޮތަށް ފިޔަވަޅު އަޅާ ފުލުހުންނަށްވެސް އެމައްސަލައެއް އިސްތިޢުނާފު ކުރުމަށް 7 ދުވަހުގެ މުއްދަތެއް ލިބިގެންދާނެއެވެ. މައްސަލަ ބަލަމުންދާތީ ސަސްޕެންޑުގައި މިހާރުތިބި އެދެފުލުހުން ވަޒީފާއިން ވަކިވާނީ ކޮމިޝަނަރަ އޮފް ޕޮލިސް ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުން އެންޑޯޒް ކުރާހިސާބުންކަމަށް ފުލުހުން ވިދާޅުވެއެވެ.

ރިޟްވާން ގެއްލުވާލި މައްސަލަ، މަރާލާފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ތަޙްޤީގުކުރާ ކޮމިޝަނުން ތަޙްޤީޤްކޮށް ނިންމުމަށްފަހު ތަޙްޤީޤް ރިޕޯރޓް ލިބުމުން ފުލުހުންގެ މުވައްސަސާގެ މުވައްޒަފެއްގެ އިހުމާލެއް ނުވަތަ ޖިނާޢީ ކުށެއް އޮތްކަމަށް ފެނިއްޖެނަމަ އެފަރާތަކާމެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަންވެސް ފުލުހުންވަނީ މީގެކުރިން ދެއްވާފައެވެ.

ފުލުހުން ވިދާޅުވީ ރިޔާސީ ކޮމިޝަން އުފެދުމާއެކު އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލި މައްސަލަ އާ ގުޅިގެން ފުލުހުންގެ ތަޙްޤީޤަށް އެއްކުރެވިފައި ހުރި ހުރިހާ ހެއްކާއި ޤަރީނާ އަދި މަޢުލޫމާތު ކޮމިޝަނާއި ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި އަދި އެ މައްސަލައާއި ގުޅިގެން އެ ކޮމިޝަނުން ކުރަމުން އަންނަ ތަޙްޤީޤަށް ފުލުހުން މެދުވެރިކޮށް އިތުރަށް ހޯދަން ބޭނުންވާ މަޢުލޫމާތާއި ސާފުކުރަން ބޭނުންވާ ކަންކަމާއި އަދި އޮޕަރޭޝަނަލް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ރިޔާސީ ކޮމިޝަނަށް އެ މައްސަލައިގެ ތަޙްޤީޤުން ފާހަގަކުރެވުނު ކަންކަމުގެތެރެއިން ފުލުހުން އިތުރަށް ތަޙްޤީޤް ކުރަންވީ ކަންކަމާއި ގުޅޭގޮތުން އެ ކޮމިޝަނުގެ މެންބަރުންނާއި ބައްދަލުކޮށް މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.