ވިޔަފާރި

ބިޒްނަސް އެކްސްޕޯގައި 100 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެއްޖެ


އޯރކާ މީޑިއާ ގްރޫޕުގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ، ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯގައި މިހާތަނަށް 100 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިއީ އޯރކާ މީޑިއާ ގުރޫޕްއިން ބިޒްނަސް އެކްސްޕޯއެއް ބާއްވާ ފުރަތަމަ ފަހަރެވެ. އެ ކުންފުނިން ބުނީ މި އެކްސްޕޯއަށް ދާއިރާގެ 1500 ތަޖުރިބާކާރުންނާއި 150 ބިޒްނަސް އެގްޒިބިޓަރުން ޒިޔާރަތްކުރާނެކަމަށް ލަފާކުރެވޭކަމަށެވެ. އޯރކާ މީޑިއާ ގްރޫޕުން ބުނީ ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯގައި ބައިވެރިވުމަށް ގިނައިން ހުށަހަޅާފައިވަނީ ގޯލްޑް 100 އަށް ހޮވުނު ރާއްޖޭގެ ކުންފުނިތައްކަމަށެވެ.

މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 އަދި 30 ވަނަ ދުވަހު ދަރުބާރުގޭގައެވެ. މި އެކްސްޕޯގެ ޒަރިއްޔާއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވިޔަފާރި ކުރިއެރުވުމަށްޓަކައި ގުޅުން ބަދަހިކުރަންޖެހޭ ފަރާތްތަކާއި ގުޅުން ބަދަހިކުރެވި، ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކާލުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އޯރކާ މީޑިއާ ގުރޫޕުން ބުނެއެވެ.

މި އެކްސްޕޯގެ ތެރެއިން 4 ސަމިޓެއް ކުރިއަށްދާނެއެވެ. އެއީ މޯލްޑިވްސް ޔަންގް އެންޓަރޕްރެނުއަރސް ސަމިޓް، މޯލްޑިވްސް ވުމަން އެންޓަރޕްރެނުއަރސް ސަމިޓް، މޯލްޑިވްސް ޓެކް ސަމިޓް އަދި މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލްސް ސަމިޓެވެ.

މި އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް އެފަރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް އެންމެ އެކަށީގެންވާ މާޙައުލެއްގައި ދައްކާލުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި މި އިވެންޓުގައި ކުރިއަށްދާ ކޮންމެ ސަމިޓަކުންވެސް އެ ދާއިރާއެއްގައި ހުރި ގޮންޖެހުންތަކާއި އެ ދާއިރާގައި ކުރިއަރާފައިވާ ފަރާތްތަކުގެ ވާހަކަތައް އަޑުއަހާލުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.