ވިޔަފާރި

އުރީދޫއިން މަސް ދޯނިފަހަރުގައި ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުކޮށްދެނީ


މަސްވެރި އުޅަނދުފަހަރުގައި ވެސަލް ލޮކޭޓީންގް ޑިވައިސް ހަރުކޮށްދިނުމުގެ އެއްބަސްވުމުގައި އުރީދޫ މޯލްޑިވްސްއާއެކު ފިޝަރީޒް މިނިސްޓްރީން ސޮއިކޮށްފިއެވެ.

ވެސަލް ލޮކޭޓީންގް ޑިވައިސްއަކީ އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް ހުއްދަ ދީފައިވާ އުޅަނދުފަހަރުގެ ޙަރަކާތްތައް ބެލުމަށް ޤާއިމުކުރާ މޮނީޓަރިން ސިސްޓަމެކެވެ.

ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މިޕްރޮޖެކްޓްގެ ދަށުން ލައިސަންސް ދީގެން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ހަރުކުރުމަށް 700 ވެސަލް ލޮކޭޓިންގެ ޑިވައިސް އުރީދޫއިން ސަޕްލައި ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އުޅަނދުފަހަރުގައި ހަރުކުރާ ވެސަލް ލޮކޭޓިންގ ޑިވައިސްތަކަކީ، އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ތަޢާރަފްކުރެވޭ ވަސީލަތެކެވެ.

މި ޑިވައިސްތަކުގެ އެހީގައި އުޅަނދުފަހަރު އޮތް ސަރަހައްދު ގަޑިއަކު އެއްފަހަރު، މޮނިޓަރިން ސްޓޭޝަންތަކަށް ލިބި، އުޅަނދުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރަށްވެސް އެފަރާތްތަކުގެ އުޅަނދުގެ ހަރަކާތްތައް ކޮންމެ ވަގުތެއްގައި ބަލާލުމުގެ ޤާބިލްކަން ލިބިގެންދާނެއެވެ.

މީގެއިތުރުން، އުޅަނދެއް ހާލުގައި ޖެހިއްޖެނަމަ، ޑިސްޓްރެސް ބަޓަން މެދުވެރިކޮށް އިމަރޖެންސީ ހާލަތެއް މެދުވެރިވެއްޖެކަމުގެ ސިގްނަލް ސެޓްލައިޓް މެދުވެރިކޮށް އުޅަނދު އޮތް ސަރަޙައްދުގެ މަޢުލޫމާތާއެކު ކޮންމެ 5 މިނެޓަކުން މޮނިޓަރިން ސްޓޭޝަންސްތަކަށް ފޮނުވަމުންދާނެއެވެ. މިކަމުގެ ސަބަބުން، ހާލުގައި ޖެހޭ އުޅަނދަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ނަގާ ވަގުތު ކުޑަވެ ދުރު ސަރަހައްދު ތަކުގައި ހަރަކާތްތެރިވާ މަސްވެރި އުޅަނދުފަހުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެއެވެ. އަދި މީގެއިތުރުން، މިޑިވައިސްއަކީ އުޅަނދު މޯބައިލް ރޭންޖްއިން ބޭރުގައިވާ ވަގުތުތަކުގައި ވެސް ސެޓަލައިޓް މެދުވެރިކޮށް އުޅަނދަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިގެންވާ އާލާތެއްކަމަށްވެސް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.

އަލަށް މިގެނެވޭ ވެސަލް ލޮކޭޓިންގް ޑިވައިސްތައް ލައިސަންސް ނަގައިގެން މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަށް ހިލޭ ދޫކޮށް ހަރުކޮށް ދިނުމުގެ އިންތިޒާމްތައް އުރީދޫއާއި މިނިސްޓްރީން ގުޅިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިކަމާއި ބެހޭ މަޢުލޫމާތު ކުރިއަތް އޮތް ދުވަސްތަކުގައި މަސްވެރި އުޅަނދުފަހަރަށް މިނިސްޓްރީން އަންގަމުންދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިޕްރޮޖެކްޓްގެ ދަށުން ހަރުކުރާ ވެސަލް ލޮކޭޓިންގ ޑިވައިސްތަކުގެ މަހުފީގެ ގޮތުގައި އުރީދޫއިން ދޫކުރާ ބޭސިކް ޕެކޭޖަށް ނަގާނެ މިންވަރަކީ 607 ރުފިޔާއެވެ.

މިޕެކޭޖްގެ ދަށުން ގަޑިއަކު އެއްފަހަރު އުޅަނދު އޮތްސަރަހައްދުގެ މަޢުލޫމާތު ސެޓްލައިޓް މެދުވެރިކޮށް މޮނިޓަރިންގ ސްޓޭޝަންތަކަށާއި އުޅަނދު އޮޕަރޭޓްކުރާ ފަރާތްތަކަށް ފޯރުކޮށްދެމުން ދާނެއެވެ.