ވިޔަފާރި

ބީއެމްއެލްއިން ކެލާ އަދި ބާރަށުގައި އޭޓީއެމްގެ ޙިދުމަތްދޭން ފަށައިފި


ބޭންކް އޮފް މޯލްޑިވްސް ހއ. ކެލާ އާއި ބާރަށުގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ހުޅުވައިފިއެވެ.

ބީއެމްއެލްއިން ބުނީ މިއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އެ ބެންކުގެ ޙިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސައްކަތެއްކަމަށެވެ. މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

މި ހިދުމަތާއެކު ހއ އަތޮޅުގައި ބީއެމްއެލްއިން އޭޓީއެމްގެ ޚިދުމަތް ދޭ ރަށްތަކުގެ އަދަދު ފަހަކަށް އެރީއެވެ. މީގެ އިތުރުން ބޭންކުން އަންނަނީ ހޯރަފުށި، އިހަވަންދޫ އަދި ދިއްދޫގައި ޤާއިމްކޮށްފައިވާ 3 ބްރާންޗް މެދުވެރިކޮށް ޚިދުމަތް ދެމުންނެވެ.

މި ޚިދުމަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ފަތުރުވެރިންނާއި ވިޔަފާރިތަކާއި މި ދެރަށުގެ ރައްޔިތުންނަށް މި އޭޓީއެމް ސެންޓަރތައް މެދުވެރިކޮށް ބޭންކިންގ ޚިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަމެއް ހޯދައިދެވުނު ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. މިއާއެކު ފައިސާގެ މުއާމަލާތްކުރުމަށް އެންމެ ކައިރި ބްރާންޗަށް ކުރާ ދަތުރުތަކަށް ނިމުމެއް އައިސް، ބޭނުން ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެކަން ޓިމް ފާހަގަކުރެއްވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 49 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 113 އޭޓީއެމް އަންނަނީ ހިންގަމުންނެވެ.