ޚަބަރު

ޞިއްޙަތަށް ގެއްލުންވާވަރަށް ސިންގަޕޫރުގެ ވައި ނުސާފު!


ޞިއްޙަތަށް ގެއްލުންވާ މިންވަރަށް ސިންގަޕޫރުގެ ވައި ތަޣައްޔަވެފައިވާކަމަށް އެ ޤައުމުގެ ތިމާވަށްޓޭބަހޭ ވުޒާރާ، ނޭޝަނަލް އެންވަޔަރަމެންޓް އެޖެންސީ (އެންއީއޭ)ން ބުނެފިއެވެ.

ސިންގަޕޫރުގެ އެންއީއޭން ބަލަހައްޓާ ޕޮލިއުޝަން ސްޓޭންޑާޑް އިންޑެކްސުން ދައްކާގޮތުގައި ވައިގެ ނުސާފުމިން މިހާރު ހުރީ އެ ވުޒާރާއިން ބަލާ މިންގަނޑުން 87އާއި 106އާއި ދެމެދުގައެވެ. ވައިގެ ނުސާފުމިން 100އަށްވުރެ މަތިވެއްޖެނަމަ އެއީ ޞިއްޙަތަށް ނުރައްކާވާނެ މިންވަރެއްކަމަށް އެ ވުޒާރާއިންވަނީ ބުނެފައެވެ.

ވައިގެ މިސްރާބު ހުރިގޮތުން އިންޑޮނޭޝިޔާގެ ސުމަޓްރާއިން އަންނަ ތަޣައްޔަރުވެފައިވާ ދުން ސިންގަޕޫރަށާއި އެ ސަރަޙައްދުގެ އެހެން ޤައުމުތަކަށްދަނީ ފެތުރެމުންނެވެ. އިންޑޮނޭޝިއާގެ ޖަންގަލިތައް އެންދުމުގެ ސަބަބުން ވައި ތަޣައްޔަރުވުމުގެ މައްސަލަގައި އެ ސަރަޙައްދުގެ އެހެން ޤައުމުތަކުގެ މެދުގައި މިހާރުވަނީ ދެބަސްވުންތަކެއް އުފެދިފައެވެ.

މިއީ ފާއިތުވީ ތިން އަހަރުގެ ތެރޭގައި މި މިންވަރަށް ވައި ނުސާފުވި ފުރަތަމަ ފަހަރުކަމަށް ކަމާގުޅޭ އިދާރާތަކުން ބުނެއެވެ. ދުމުގެ އަސަރުކޮށްފައިވާތީ ސިންގަޕޫރުގެ މަގުތަކަށް މިހާރު މީހުން ނުކުމެ އުޅެނީ މާސްކު އަޅައިގެންނެވެ.