ޚަބަރު

ނޯމަލައިޒޭޝަން ކޮމިޓީން ޢަމަލުކުރާނީ ކޮމިޝަނަރ އޮފް ސްޕޯޓްސް އަންގަވާ ގޮތަކަށް


ވޮލީބޯޅައިގެ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ، އެފްއައިވީބީން ކުރީގެ އެގްޒެކަޓިވް ކޮމިޓީ (އެކްސްކޯ)އާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ހަވާލުކުރަން އެންގި ނަމަވެސް ނޯމަލައިޒޭޝަން ކޮމިޓީން ޢަމަލުކުރާނީ ކޮމިޝަނަރ އޮފް ސްޕޯޓްސް އަންގަވާ ގޮތަށްކަމަށް ވޮލީބޯޅަ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަބްދުﷲ އާމިރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަ ދައްކަވަމުން އަބްދުﷲ އާމިރު ވިދާޅުވީ އެފްއައިވީބީން ވީއޭއެމްގެ މައްސަލާގައި ވަކިގޮތަކަށް ޢަމަލުކުރަން އެންގި ނަމަވެސް ނޯމަލައިޒޭޝަން ކޮމިޓީއަށް އެގޮތަށް ޢަމަލުކުރުމުގެ ބާރު ނެތްކަމަށާއި އެ ކޮމިޓީން ޢަމަލުކުރައްވާނީ ސްޕޯޓްސް ކޮމިޝަނަރ އަންގަވާ އެންގުމަށްކަމަށެވެ.

އެގޮތުން، ނޯމަލައިޒޭޝަން ކޮމިޓިއަކީ ވީއޭއެމްގެ މައްސަލާގައި ރާއްޖޭގެ ކުޅިވަރު ޤާނޫނުގެ ދަށުން ސްޕޯޓްސް ކޮމިޝަނަރަށް ލިބިދޭ ބާރުގެ ދަށުން އެކުލަވާލާފައިވާ ކޮމިޓީއެއް ކަމަށާއި ވީއޭއެމްގެ ކުރީގެ ރަޢީސް ލަޠީފަށް އެ އެސޯޝިއޭޝަން ހަވާލުކުރަން އެންގި ނަމަވެސް ކޮމިޝަނުން މި މައްސަލާގައި ވަކިގޮތެއް ނާންގަވާހިނދެއްގައި އެގޮތަށް ޢަމަލު ނުކުރައްވާނެކަމަށް އާމިރު ވިދާޅުވިއެވެ. އަދި އެފްއައިވީބީން ނޯމަލައިޒޭޝަން ކޮމިޓީއަށް ފޮނުއްވާފައިވާ ސިޓީ މިހާރު ސްޕޯޓްސް ކޮމިޝަނަރާވެސް ޙިއްސާކޮށްފައިވާކަމަށްވެސް އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ ވީއޭއެމްގެ މައްސަލާގައި އެފްއައިވީބީން އެދިފައިވާ މަޢުލޫމާތުތައްވާނީ އޮލީމްޕިކް ކޮމިޓީގެ ލަފާގެ މަތިން ސްޕޯޓްސް ކޮމިޝަނުން ސީދާ އެފްއައިވީބީއަށް ފޮނުވާފައިކަމަށެވެ. އޭނާ ވިދާޅުވީ އެފްއައިވީބީއާއި މުޢާމަލާތްކުރާނީ ސީދާ ނޯމަލައިޒޭޝަން ކޮމިޓީން ނޫންކަމަށާއި އެއީ އެ ކޮމިޓީގެ މެންޑޭޓުން ބޭރު ކަމެއްކަމަށެވެ. އަދި އޭގެ ބަދަލުގައި އެފްއައިވީބީއާއި މުޢާމަލާތްކުރާނީ އޮލިމްޕިކް ކޮމިޓީއާއި ކޮމިޝަނަރ އޮފް ސްޕޯޓްސްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އަބްދުﷲ އާމިރު ވިދާޅުވީ އެފްއައިވީބީއަށް ރާއްޖޭ ސަސްޕެންޑް ކުރުމުގެ ބާރު އެބައޮތް ކަމަށާއި އެ ފުރުޞަތު ނޯމަލައިޒޭޝަން ކޮމިޓީން ނުދޭނެކަމަށެވެ. އެގޮތުން، ނޯމަލައިޒޭޝަންގެ މުއްދަތު އެއް މަސް ދުވަހަށް އިތުރުކޮށްފައިވުމުން، އެ މުއްދަތުގެ ތެރޭގައި އިންތިޚާބެއް ބާއްވަން މަސައްކަތް ކުރައްވާކަމަށްވެސް އާމިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުރިން ސްޕޯޓްސް ކޮމިޝަނުން ތިން މަސް ދުވަހުގެ މުއްދަތެއް ދިންކަމުގައިވިޔަސް އެ މުއްދަތުގައި އިންތިޚާބެއް ނުބޭއްވުނީ އެސޯސިއޭޝަންގެ ވަރަށް ގިނަ މަސައްކަތްތަކެއް އެ ތިން މަސް ދުވަހުގައި ކުރަން ޖެހުމުންކަމަށާއި ނޯމަލައިޒޭޝަން ކޮމިޓީއަށް އަމަލުކުރަން އަންގާފައިވަނީ އެސޯސިއެޝަންގެ އެއްވެސް މަސައްކަތަކަށް އުނިކަން ނާންނަގޮތަށްކަމަށެވެ. ނަމަވެސް މިހާރު ދީފައިވާ އެއް މަސް ދުވަހުގެ ތެރޭގައި އިންތިޚާބެއް ބާއްވަން އެއްވެސް ހުރަހެއް ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވޮލީބޯޅަ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން ވިދަޅުވީ ކޮމިޓިގެ އެއްވެސް މެމްބަރެއް އެސޯސިއޭޝަންގެ އެއްވެސް މަޤާމެއް އަދާކުރުމުގެ ވިސްނުމެއް ނެތްކަމަށާއި ބޭނުންވަނީ ވޮލީބޯޅައަށް ގެއްލުން ނުވާނެހެން ކޮމިޓީގެ ޒިންމާ އަދާކުރަންކަމަށެވެ. އަދި އިންތިޚާބަށްފަހު އެސޯސިއޭޝަން ހިންގުމާއި ހަވާލުވާ އެކްސްކޯއަކަށް އުނދަގޫ ނުވާނެހެން މަސައްކަތްތައް ނިންމަންކަމަށެވެ. އެގޮތުން، ޤައުމީ ޓީމުތަކުގެ ހުސްވެފައިވާ މަޤާމުތަކަށް ކޯޗުންނާއި އޮފިޝަލުން ޢައްޔަން ނުކުރެވި ލަސްވާ ސަބަބަކީ އެއީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އާމިރު ވިދާޅުވީ ސީނިއަރ ފިރިހެން ޤައުމީ ޓީމުގެ މެނޭޖްމަންޓް ފިޔަވައި އެއްވެސް ޓީމެއްގެ މެނޭޖްމަންޓެއް މިހާރު ނެތްކަމަށާއި އެ މަޤާމުތަކަށް މީހުން ޢައްޔަންކޮށް ކޮންޓްރެކްޓް ހަދައިފިނަމަ ދެން އެސޯސިއޭޝަނާ ހަވާލުވާ އެކްސްކޯއަށް އެކަމުގެ ސަބަބުން އުނދަގޫތަކަކާއި ކުރިމަލާން ޖެހިދާނެކަމަށެވެ. ނަމަވެސް ޤައުމީ ޓީމުތަކުން މި އަހަރު ވަދަކުރަންހުރި އެއްވެސް މުބާރާތަކަށް އުނިކަމެއް ނާންނާނެކަމުގެ ޔަޤީންކަން ދޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.