ޚަބަރު

ސިއްޙީ އައު ހޯދުންތައް ހޯދުމަށް ދިވެހި ޑޮކްޓަރުން އަތުކުރި އޮޅާލާފައި!


ރާއްޖޭގެ ސިއްޙީ ދާއިރާގައި މިހާރުއޮތް ޙާލަތުން އިތުރު ހަރުފަތަކަށް ގެންދެވޭނީ ދިވެހިންގެ ފަރާތުން ފެންނަ ބަލްތަކާ ގުޅޭގޮތުން ހޯދުންތައް ހޯދާއި ދިރާސާތައް ކުރެވިގެންކަމަށް ރާއްޖޭގެ މަޝްހޫރު ނިއުރޯ ސަރޖަން ޑރ.ޢަލީ ނިޔާފު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިއްޙީ ދާއިރާގައި ގިނަގޮންޖެހުންތަކެއް ހުރިނަމަވެސް ސިއްޙީދާއިރާ އަންނަނީ ދުވަހެއް ދުވަހަކަށް ކުރިއަރަމުންނެވެ. ސަރުކާރާއި ޢާއްމުން ކުރަމުންއަންނަ މަސައްކަތުން މިދާއިރާއަށް އިންޤިލާބީ ބަދަލުތަކެއްދަނީ އަންނަމުންނެވެ. ރާއްޖޭގައި ބަލިތަކަށް ދެވޭ ފަރުވާއާއި ފެންނަ ބަލިތަކާގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އޭޑިކޭގައި މަސައްކަތްކުރައްވާ ރާއްޖޭގައި ހުރި ހަމައެކަނި ދިވެހި ނިއުރޯސަރޖަން ޑރ.ޢަލީ ނިޔާފު ވިދާޅުވީ މިހާރު އޮތް ހިސާބުން ރާއްޖެ އެންމެބޮޑަށް އަމާޒުހިފަންވީ ދިވެހިންގެ ތެރެއިން ފެންނަމުންދާ ބަލިތަކާގުޅޭ ދިރާސާތައް ކުރުމާދިމާއަށްކަމަށެވެ.

ދިރިއުޅުމުގެ ވައްޓަފާޅި ހުންނަގޮތުން ދިވެހިންގެ ކިބައިން ޢާއްމުކޮށް ފެންނަ ބަލިތަކާއި އެހެން ޤައުމުތަކުގެ މީހުންގެ ބަލީގައި ތަފާތުތަކެއް ހުންނާނެކަމަށާ، އެކަން ދެނެގަތުމަށް ދިރާސާތަކެއް ކުރަންޖެހޭކަމަށްވެސް ޑރ.ޢަލީ ނިޔާފް ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި ހަދަނީ ހަމައެކަނި އެއްކުރެވިފައިހުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ހަދާ ދިރާސާތައްކަމަށާ، އެކަޑަމިކް ފެންވަރުގައި "އެވިޑެންސްޑް ބޭސްޑް މެޑިކަލް" ޚިދުމަތް ފުޅާކުރުމަށް ދުރާލައި އެބައްޔަކާ ގުޅޭގޮތުން މަޢުލޫމާތު ހޯދާނެގޮތާއި ބަލިމީހާ ދިރާސާގައި ހިމަނާ މިފަދަ ހުރިހާކަމެއް ރާވައި އިންތިޒާމުތައް ކުރެވިގެން ހިންގާ ދިރާސާތައް ފަށަންޖެހޭކަމަށް ނިޔާފް ވިދާޅުވިއެވެ.

ރާއްޖޭގެ ފުރަތަމަ މެޑިކަލް ކޮލެޖު ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު ދިވެހި ޑޮކްޓަރުން އެތަނުގެ ލެކްޗަރާއިންނާއި ޕްރޮފެސަރުންގެގޮތުގައި ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ ބާރު އަޅުއްވަމުންނެވެ. މިކަމަށް އިޝާރާތްކުރައްވަމުން ޑރ.ޢަލީ ނިޔާފް ވިދާޅުވީ ދިރާސާތަކާއި ޕަބްލިކޭޝަންތަކުގެ ސަބަބުން ޑޮކްޓަރުގެ ޤާބިލުކަން އިތުރުވެގެންދާނެކަމަށެވެ. ޕްރޮފެސަރ ލެވެލްއަށް ދިޔުމަށް ޑޮކްޓަރުން ވަކި ޢަދަދަކަށް އެކަޑަމިކް ރިސާރޗް ޕަބްލިޝްކުރަންޖެހެއެވެ.

ޑރ.ޢަލީ ނިޔާފް ވިދާޅުވީ ރާއްޖޭގެ މެޑިކަލް އޮފިސަރުންގެ މެދުގައި ދިރާސާކުރުމަށް އޮތް ޝަޢުގުވެރިކަން މިހާރު އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށެވެ. އޭގެ ސަބަބުން ދިވެހި ޑޮކްޓަރުންގެ ފެންވަރުވެސް މަތިވެގެންދާނެކަމަށާއި ބަލިތަކާއި ގުޅޭ ގޮތުން އިތުރުކަންތައްތައް ދެނެގަނެވުމުން ފަރުވާ މިހާރަށްވުރެ ހަރުދަނާވެގެންދާނެކަމަށް ޑރ.ޢަލީ ނިޔާފް ވިދާޅުވިއެވެ.

ދިރާސާކުރުމުގެ މުހިއްމުކަމާގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ނިޔާފްވަނީ މިކަން ކުރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މިފަދަ ދިރާސާތައް ކުރުމަށް ބޭނުންވާ ބަޖެޓަކީ އެންމެ ބޮޑު ހުރަސްކަމުގައި ނިޔާފް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ބޮޑެތި ދިރާސާތައް ކުރުމަށް ޚާއްސަ ރިސަރޗް ސެންޓަރުތައް ޤާއިމުކުރުމަކީވެސް މުހިއްމުކަމެއްކަމަށް ނިޔާފް ވިދަޅުވިއެވެ.

ހުރިހާ ދާއިރައަކުންވެސް ދިރާސާތައްކުރުމަށް ދިވެހިން އަހުލުވެރިކުރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން ރާއްޖޭގައި އަންނަނީ ބައިނަލްއަޤުވާމީ ފެންވަރުގެ ދިރާސާ ކޮންފަރެންސްތައްވެސް ބާއްވަމުންނެވެ. ސިއްޙީ ދާއިރާއަށް ޚާއްސަކޮށްގެން މިފަދަ ކޮނަފަރެންސްތައް ބާއްވަމުން އަންނައިރު ރާއްޖޭގެ ފުރަތަމަ މެޑިކަލް ކޮލެޖުގެ ދަރިވަރުންގެ ކިޔެވުމާގުޅޭ އެކި ތަޙުލީލުތައް ހެދޭނެގޮތް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއާއި އައިޖީއެމްއެޗު ގުޅިގެން އަންނަނީ ކުރަމުންނެވެ.