އަސާސީ ހައްޤުތައް ހަނިވާގޮތަށް ޓެރަރިޒަމްގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙްތަކާމެދު އެމްޑީޕީގެ ޕާލިމަންޓް މެމްބަރުންގެ ވަރަށްބޮޑު ކަންބޮޑުވުންތަކެއް އެބަހުރިކަމަށާ، މިކަމުގައި ސަރުކާރާއެކު މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ޓެރަރިޒަމްގެ ޤާނޫނާމެދު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ މެމްބަރުންގެ އެންމެބޮޑު ކަންބޮޑުވުމަކީ މީގެ ބައެއް އިސްލާހުތަކުގެ ސަބަބުން އަސާސީ ހައްޤުތަކަށް ހަނިކަމެއް އައުންކަމަށެވެ. އެމްޑީޕީއަކީ އަސާސީ ޙައްގުތަކާއި މިނިވަންކަމާއި ފަރުދީ މިނިވަންކަމަށް އަބަދުވެސް ވަކާލާތުކުރާ ޕާޓީއަކަށްވާއިރު ޤާނޫނަކުން މިފަދަ ހައްޤުތައް ހަނިކުރުމަކީ އެމްޑީޕީގެ މެމްބަރުން ތާއީދު ކުރާނެކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރާއެކު މިކަމުގައި މަޝްވަރާ ކުރުމަށް ނިންމާފައިވާކަމަށާ، އެގޮތުން އެޓާނީ ޖެނެރަލްއާއި ފުލުހުންނާއި މިމައްސަލާގައި ބައްދަލު ކުރުމަށް ހަމަޖެހިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ. ޓެރަރިޒަމްގެ ޤާނޫނަށް އިސްލާޙް ހުށަހަޅާފައިވަނީ ގެއްލިފައިވާ މީހުންނާއި، މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ މަސައްކަތްތައް ތަންފީޒު ކުރުމުގައި ދިމާވެފައިވާ ޤާނޫނީ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށެވެ.
އެގޮތުން ޓެރަރިޒަމާބެހޭ ޤާނޫނާއި ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ނިންމަވާފައިވާކަމުގައި ރައީސުލް ޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.
ޓެރަރިޒަމާބެހޭ ޤާނޫނަށް ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހުތަކާގުޅިގެން ސަރުކާރުހިންގާ އެމްޑީޕީގެ މެމްބަރުންނާއި ބައެއް ޤާނޫނީ ވަކީލުންވެސް ވަނީ މިއިސްލާހުތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެއެވެ. އަދި މިބިލުން ފުލުހުންނަށް ބޮޑެތި ބާރުތައްދޭތީވެސްވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ.
ބާކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވެފައިވަނީ، ރައީސް ޞާލިހު އެކުލަވާލެއްވި މަރު ކޮމިޝަނުން ފުލުހުން ހެކި އުފައްދަން މަސައްކަތް ކޮށްފައިވާ ބުނެފައިވާ ކަމަށާ، ކުށެއްގެ ތުހުމަތުގައި ފުލުހުން މީހަކަށް އަނިޔާ ކުރިތަން ވީޑިއޯކުރި މީހުންނަށް ބިރު ދައްކައި އެހެކި ނައްތާލަން ފުލުހުން މަސައްކަތް ކޮށްފައިވާކަމަށެވެ.
އެހެން އޮއްވައި ފުލުހުންނަށް އިތުރު ބާރުތަކެއްދީ ފުލުހުންގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ހުރަހަކަށްހުރި ކޮންޓްރޯލްތައް ދުއްވާލަނީ ކީއްވެގެންތޯ މައުމޫން ވަނީ ސުވާލު ކުރައްވާފައެވެ.