ކުޅިވަރު

ބ.އަތޮޅު ޔުނިޓީ ފުޓްސަލް ޗެލެންޖް: ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ފެއިމްސް ޔުނައިޓެޑް ހޯދައިފި


ބ.އަތޮޅު ޔުނިޓީ ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ފެއިމްސް ޔުނައިޓެޑްއިން ކަށަވަރުކޮށްފިއެވެ. ފެއިމްސް ޔުނައިޓެޑް ސެމީ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ފެއިމްސް ޔުނައިޓެޑާއި ފޯ ސީޒަން ލަނޑާ ގިރާވަރު ރިސޯޓެއެވެ. މި މެޗު ފެއިމްސް ޔުނައިޓެޑުން ކާމިޔާބުކުރީ 2-4 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފެއިމްސްއިން ޖެހި 4 ލަނޑުގެ ތެރެއިން 2 ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު އަސްރަފްއެވެ. އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އަބްދުލް މަޖީދު (މަޖިއްޓޭ) އާއި އިބްރާހިމް ޝަރީފް އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި ފެއިމްސް ހިމެނޭ ގްރޫޕްގެ 1 ވަނައިގެ ގޮތުގައި ސެމީގެ ޖާގަ ކަށަވަރުކުރިއިރު، ދެވަނައިގައި އޮތީ ދުސިއްތާނީ މޯލްޑިވްސްއެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ޔުނައިޓެޑް ވީ އާއި ދަރަވަންދޫގެ ކިންގްސް ޔުނައިޓެޑް އެވެ. މި މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޔުނައިޓެޑް ވީ އެވެ.

މި މެޗުގައި ޔުނައިޓެޑް ވީ އިން ޖެހި ދެވަނަ ލަނޑު އަބްދުﷲ މުޢާޒް ކާމިޔާބުކޮށްދިން އެޓީމުގެ ފުރަތަމަ ލަނޑަކީ، ކިންގްސް ޔުނައިޓެޑްގެ ހަސަން ސަފޫހް އަތުން ބައިކޮޅަށް ވަތް ލަނޑެކެއެވެ. ކިންގްސް ޔުނައިޓެޑްއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ސާމިހް އަލީ ޝަރީފްއެވެ.

މި މުބާރާތުގެ ގްރޫޕް ބީގައި ޔުނައިޓެޑް ވީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައިވާއިރު، މި ގްރޫޕުން އެއްވަނައަށް ދާނެ ޓީމެއް ކަށަވަރުވަނީ އަންނަ ހޯމަ ދުވަހު ޔުނައިޓެޑް ވީ އާއި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިރުމަތި ލަވާރސް ބައްދަލުކުރާ މެޗަށް ފަހުއެވެ.

މުބާރާތުގެ ގްރޫޕް އޭ އަދި ބީ އިން އެއްވަނައަށް ދާ ޓީމު ސީދާ ސެމީ ފައިނަލަށް ދަތުރުކުރާ އިރު، ދެވަނަ އަދި ތިންވަނަ އަށް ދާ ޓީމު ޖެހެނީ ކުއާޓާ ފައިނަލްގައި ކުޅޭށެއެވެ.

ބ.އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން އޭދަފުށިން ތިން ޓީމަކަށާ އަތޮޅު ތެރެއިން 2 ޓީމަކަށް ދައުވަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި މިއަހަރު 10 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ބ.އަތޮޅުގެ 5 ރިސޯޓަކާ އޭދަފުށިން 3 ޓީމް އަދި އަތޮޅު ތެރެއިން މިއަހަރު ދައުވަތު ދީފައިވަނީ މާޅޮހަށާ ދަރަވަންދޫއަށެވެ.