ކުޅިވަރު

ބ.އަތޮޅު ފުޓްސަލް ޗެލެންޖް ފެއިމްސް އާ ކިންގްސް ޔުނައިޓެޑް މޮޅުވެ ކުއާޓާއަށް.


ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖްގައި ފެއިމްސް ޔުނައިޓެޑް ކުޅުނު ތިންވަނަ މެޗުން މޮޅުވެ ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ބ.އަތޮޅުގެ ރިސޯޓްތަކަށާއި، ބައެއް ރަށްތަކަށް ދަޢުވަތު ދީގެން ކުރިއަށްގެންދާ މިމުބާރާތުގައި ފެއިމްސް އިއްޔެ ކުޅުނު މެޗް ކާމިޔާބުކުރީ ދުސިތް ތާނީ މޯލްޑިވްސްއާއި ބައްދަލުކޮށް 3-1 ން ނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ފެއިމްސްއިން ޖެހި ތިން ލަނޑުވެސް ޖެހީ މެޗްގެ މޮޅު ކުޅުންތެރިއާގެ މަޤާމް ހޯދި އަޙްމަދު އަސްރަފް (ސޮބީ)އެވެ.

ބ.އަތޮޅު ފުޓްސަލް ޗެލެންޖްގައި އިއްޔެ ކުޅުނު ދެވަނަ މެޗް ފަސޭހަކަމާއެކު ކާމިޔާބުކުރީ ދަރަވަންދޫ ކިންގްސް ޔުނައިޓެޑްއެވެ.

މި މެޗު ކިންގްސް ޔުނައިޓެޑުން ކާމިޔާބުކުރީ މާޅޮހާއި ވާދަކޮށް 6-1ގެ ނަތީޖާއަކުންނެވެ.

މި މެޗްގައި ކިންގްސް ޔުނައިޓެޑުން ޖެހި ހަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖެހި މެޗްގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި އިސްމާލް މުނީޒްއެވެ. އަނެއް ދެލަނޑު ޖެހީ ހުސެއިން ނާސިފްއެވެ.

މި މެޗުން މޮޅުވެ ދަރަވަންދޫ ކިންގްސް ޔުނައިޓެޑުވަނީ ގްރޫޕް ބީ އެއްވަނައަށް ވަގުތީ ގޮތުން ޖެހިލާފައެެވެ.

ގްރޫޕްގެ އެއްވަނަ ކަށަވަރުވާނީ މިއަދު ހަވީރު ކިންގްސް އާ ޔުނައިޓެޑް ވީ ބައްދަލު ކުރާ މެޗައްފަހުއެވެ. މި ދެޓީމްވެސް މި މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ވަނީ މޮޅުވެފައެވެ.