މަސްތުވާތަކެތީގެ ޝިކާރައަކަށް ވަމުންދާ ޒުވާނުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވުމަކީ ޤައުމު ބިނާކުރުމުގައި ދަތިތަކާއި ހުރަސްތައް ކުރިމަތިކުރުވާނެ ކަމެއްކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ޑްރަގް އޭޖެންސީގެ އޯޕަން ޑޭ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ ޤައުމެއްގެ ތަރައްޤީއަށާއި ކުރިއެރުމަށް ތަފާތު އެކި ގޮންޖެހުންތައް ކުރިމަތިވާއިރު، މަސްތުވާތަކެތީގެ ވަބާއަކީ އޭގެ ތެރެއިން އެއް ގޮންޖެހުން ކަމަށެވެ. އަދި މަސްތުވާތަކެތީގެ ޝިކާރައަކަށް ވަމުންދާ ޒުވާނުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވުމަކީ ޤައުމު ބިނާކުރުމުގައި ދަތިތަކާއި ހުރަސްތައް ކުރިމަތިކުރުވާނެ ކަމެއްކަމަށެވެ. އަދި ޤައުމު ބިނާކުރުމުގައި މާދަމާ ޙަރަކާތްތެރިވާން އޮތް ޖީލު، ފަނާކުރަނިވި މި ނުރައްކަލުން ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މަސްތުވާތަކެތީގެ ޝިކާރައަކަށް ވަމުންދާ ޒުވާނުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު އެއީ ޤައުމު ބިނާކުރުމުގައި ދަތިތަކާއި ހުރަސްތައް ކުރިމަތިކުރުވާނެ ކަމެއްކަން ޔަޤީން. ޤައުމު ބިނާކުރުމުގައި މާދަމާ ޙަރަކާތްތެރިވާން އޮތް ޖީލު، ފަނާކުރަނިވި މި ނުރައްކަލުން ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ، މަސްތުވާތަކެތީގެ ސަބަބުން އިޤުތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ދިވެހިރާއްޖެއަށް ވެސް ނޭދެވޭ އަސަރުތަކެއް ފޯރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވެ ދިވެހި އިޤުތިޞާދުގެ ތެރޭގައި ދައުރުވާ ގިނަ އަދަދެއްގެ ބޭރުފައިސާ ރާއްޖޭން ބޭރަށް ދިޔުމާއި، ވަގު ވިޔަފާރިއާއި ކަޅު ބާޒާރު ދުވަހެއް ދުވަހަކަށް ފުޅާވުމާއި، ވަޒީފާގެ ބާޒާރަށް ބޭނުންވާ އިންސާނީ ވަސީލަތް އުފެއްދުމަށް ހުރަސް އެޅުންފަދަ ކަންކަން މި މުޖުތަމައިން ފެންނަމުންދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި މަސްތުވާތަކެތީގެ ސަބަބުން ތަފާތު އިޖުތިމާޢީ މައްސަލަތައް އުފެދި ޖިނާއީ ކުށްތަކަށް އަރައިގަތުމާއި ޢާއިލީ މައްސަލަތައް އިތުރުވަމުންދާކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން އެ ވިޔަފާރި ކުރުމުގައި ގެންގުޅޭ ވައްޓަފާޅި ބަދަލުކޮށް އެ ވިޔަފާރިކުރުމަށް އައު ގޮތްތައް ހޯދަމުންދާކަން ފާހަގަކުރައްވާ އެކަންކަމާމެދު ސަމާލުވެ ހުށިޔާރުވުމަށް ގޮވާލައްވާފައެވެ. މިނިސްޓަރ ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގައި، އެ ކަމުގެ ސަބަބުން އަސަރުކުރާނީ އެ ކަމުގެ ޝިކާރައަށްވެފައިވާ މީހާއަށް ނުވަތަ އެ މީހެއްގެ އާއިލާއަށް އެކަނިކަމަށް ގިނަ ފަހަރަށް ޤަބޫލުކުރެވިފައި އޮތް ނަމަވެސް އެކަމުގެ ނޭދެވޭ އަސަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކޮންމެ ފަރުދަކަށް ވެސް ފޯރާކަމަށެވެ. އެ ގޮތުން، ދައުލަތުގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ކުރެވޭ ޚަރަދު އިތުރުވުމާއި، އަމަންއަމާންކަން ބެލެހެއްޓުމާއި ތަޙުޤީޤީ، ތަންފީޛީ އަދި ޝަރުޢީ ދާއިރާއަށް ކުރެވޭ ޚަރަދު އިތުރުވެ އޭގެ ނަތީޖާއެއްގެ ގޮތުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައްޔާއި ތަރައްޤީގެ މަޝްރޫއުތަކަށް ކުރެވޭ ޚަރަދުތައް ވަރަށް ބޮޑަށް ކުޑަވެގެން ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މަސްތުވާތަކެއްޗާ ދެކޮޅަށް ތެދުވެ، މުޖުތަމަޢު ސަލާމަތްކުރުމުގެ ގޮތުން އެކި ފަންތީގައި އަންނަނީ ކެނޑިނޭޅި މަސައްކަތްތައް ކުރަމުން. އޭގެ ތެރޭގައި މަސްތުވާތަކެތިން ލިބޭ ގެއްލުންތަކާ މެދު ޢާންމުން ހޭލުންތެރިކުރުވުމާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހުނަ ނުދީ ރައްކާތެރިކުރުމާއި، ތަންފީޛީ އެކި ބާވަތުގެ ފިޔަވަޅުތައް އެޅުން ހިމެނޭ. އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢަށް ކުރިމަތިވަމުން މިދާ ނުރައްކާތެރި ވަބާއިން މުޖުތަމަޢު ސަލާމަތްކޮށް ރައްކާތެރި އަމާން މާޙައުލެއް ހޯދައިދިނުމަށް ޓަކައި ދައުލަތުގެ އިތުރުން މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތައް ވަރުބަލިކަމެއް ނެތި ހަރަކާތްތެރިވާ ކަމީ އަޅުގަނޑުމެން އުފާ ކުރަން ޖެހޭ ކަމެއް." މިނިސްޓަރ ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ވަބާއިން މުޅި މުޖުތަމައު ސަލާމަތްކުރުމަށް ވަކިވަކި ފަރުދުންނާއި މުޅި މުޖުތަމަޢުގެ ދައުރު މުހިންމުކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މި ކަމުގައި މުޖުތަމަޢުގެ ދައުރު ފުޅާކުރުމުގެ ގޮތުން ސަރުކާރުން ވެސް މަގުތަކެއް ކޮށައި، ސިޔާސަތުތަކެއް އެކަށައަޅަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ޒުވާނުންނާއި ކުޑަކުދިން މަސްތުވާތަކެތީގެ ޝިކާރައަށް ވުމުން ރައްކާތެރިކުރުމުގެ ގޮތުން ކުރެވޭ މަސައްކަތް ހަރުދަނާކޮށް އެ މަސައްކަތް ކުރިއަށްގެންދާނީ އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާއި މުޅި މުޖުތަމަޢުގެ ޝާމިލުވުމާއެކުގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ މަސްތުވާތަކެތި ހުއްޓުވުމަށް ހުރި ދަތިތަކާއި މައްސަލަތައް ދެނެގަނެ، އެ ކަންކަން ހަމަ މަގަށް އެޅުވުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތް ކުރުމުގައި ސަރުކާރު ދެމި އޮންނާނެ ކަމުގެ ޔަޤީން ކަންވެސް ދެއްވާފައެވެ.