ޚަބަރު

ޤައުމެއް ކުރިއަރައިދާއިރު ޢިލްމާއި ހުނަރަކީ ވަރަށް މުހިންމުއެއްޗެއް - މިނިސްޓަރ އިމްރާން


ޤައުމެއް ކުރިއަރައިދާއިރު ޤައުމުގެ ރައްޔިތުންގެ ޢިލްމާއި ހުނަރުގެ މައްޗަށް ވިސްނާ ފިކުރުކުރުމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ގޮވާލއްވައިފިއެވެ.

މިދިޔަ އަހަރު އިސްކަންދަރު ސްކޫލުން އެންމެ ރަނަގޅު ވަނަތައް ހޯދި ދަރިވަރުންނަށް އިނާމް ދިނުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދުޅުދައްކަވަމުން މިނިސްޓަރ ވަނީ ޢިލްމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. ލިބިފައިވާ ޢިލްމު އެހެން މީހުންނަށްވެސް އުނގަންނައިދިނުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

އަދި ޤައުމެއް ތަރައްޤީ ވަމުންދާއިރު ޤައުމުގެ ރައްޔިތުންގެ ޢިލްމާއި ހުނަރުގެ މައްޗަށް ވިސްނާ ފިކުރުކުރުމަށްވަނީ ގޮވާލައްވާފައެވެ. މަސްތުވާތެކެތީގެ ވަބާގައި ޖެހޭމީހުން ގިނަވަމުންދާކަން ފާހަގަކޮށް މިދާއިރާއިން ރާއްޖެ ނުރައްކާ ސަރަޙައްދަކަށް ދަތުރުކުރަމުންދާކަމަށާ، ނަމަވެސް މިފަދަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރައްވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވަނީ ޤައުމު ކުރިއަރައިދިޔުމަށްޓަކައި ހުރިހާ ދާއިރާއަކުންވެސް ދަރިވަރުން ތަމްރީނުވުން މިހިންމުކަމަށާ، ޤައުމަށް މުހިންމު ޚިދުމަތްތަކެއް ކުރެއްވުމަށް ދަރިވަރުންނަށް އިލްތިމާސްކުރައްވާފައެވެ.

މިދިޔަ އަހަރު އިސްކަންދަރު ސްކޫލުން ހުރިހާ ގޮތަކުން އެންމެމޮޅު ދަރިވަރަކަށް މިދިޔަ އަހަރު އެސްކޫލްގެ އެކްޓިވިޓީ ކެޕްޓަންކަން ކުރި ޢާއިޝަތު ރަފާ ނާޒިމް ވަނީ ހޯދާފައެވެ. މިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިހާނުން އޭނާ ވަނީ ދުނިޔެއިންވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައެވެ.
މިދިޔަ އަހަރުގެ އިސްކަންދަރު ސްކޫލުން ހުރިހާ ގޮތަކުން އެންމެމޮޅު ދަރިވަރަކަށް މިދިޔަ އަހަރު އެސްކޫލްގެ އެކްޓިވިޓީސް ކެޕްޓަންކަން ކުރި އައިޝަތު ރަފާ ނާޒިމަށް ލިބިފައިވާއިރު ރަފާއަށް އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲއެވެ.

މިދިޔައހަރު އެސްކޫލުން ދެވަނަ ލިބިފައިވަނީ މިދިޔައހަރުގެ އެސްކޫލްގެ ޑެޕިއުޓީ ކެމްޕަޓަން އީމާ ޢަލީ ފިރާޤެވެ. އަދި ތިންވަނަ ހާޞިލްކޮށްފައިވަނީ ކެޕްޓަން ޢާއިޝަތު އަނާމީލް އަޙްމަދެވެ.

އިސްކަންދަރު ސްކޫލްގެ 2018ވަނަ އަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މި ދިޔަ އަހަރު އެކި ގޮތްގޮތުން ފާހަކަ ކުރެވުނު ދަރިވަރުންނަށްވަނީ އިނާމާއި ހަނދާނީ ލިޔުން ދީފައެވެ. މީގެތެރޭގައި މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނު އެސްކޫލްގެ ދަރިވަރުންނަށާއި އޯލެވެލް އިމްތިހާނުން އަށް މާއްދާއިން އޭ ފާސް ހޯދައިގެން މުޅި ރާއްޖެއިން 1ވަނަ ހޯދި ދަރިވަރުންނާއި ވަކިވަކި މާއްދާތަކުން ދުނިޔެއިން އެއްވަނަ ހޯދި ދަރިވަރުން ހިމެނެއެވެ. އަދި ސްކޫލުގެ އިތުރު ހަރަކާތްތަކުން ވަނަތައް ހާޞިލް ކުރި ދަރިވަރުންނަށާއި ސްކޫލަށް ރީތި ނަން ހޯދައިދިން ދަރިވަރުންނަށްވެސްވަނީ އިނާމާއި ހަނދާނީ ލިޔުން ދީފައެވެ.

މި ރަސްމިއްޔާތުގައި އިސްކަންދަރު ސްކޫލްގެ ޕްރިންސްޕަލް ހުސައިން ސަޢީދު މުޙައްމަދު ވަނީ ދަރިވަރުން ބޭނުންވާ މިސްރާބަށް ވާޞިލްވުމަށް ހާސިލްކުރަންޖެހޭ ކަންކަމާމެދު ވިސްނުމަށް އިލްތިމާސްކުރައްވާފައެވެ. ރާއްޖެ ތަރައްޤީ ވަމުންދާއިރު ވަކި އެއްދާއިރާއިން ދަރިވަރުން ތަމްރީންވުމުގެ އިތުރަށް ޤައުމަށް ބޭނުންވާ ހުރިހާދާއިރާއަކުންވެސް ކުރިއަށްދިޔުމަށް އޭނާވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ދަރިވަރުންގެ ތަޢުލީމަށް ސަރުކާރުން ބޮޑުހޭދައެއް ކުރަމުންދާއިރު އެކަމުގެ އަގުވަޒަންކޮށްވަނީ ޤައުމަށް ޚިދުމަތްކުރުމަށް ގޮވާލައްވާފައެވެ.

އިސްކަންދަރު ސްކޫލްގައި ދެހާހަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާޞިލްކުރަމުންދެއެވެ. މިދޔަ އަހަރުގެ އޯލެވެލް އިމްތިޙަންގައި އެސްކޫލްގެ ގިނަ ދަރިވަރުންތަކެއް ވަނީ ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނި ދުނިޔޭގެ ގަދަ ދިހައެއްގައި ވެސް ހިމެނިފައެވެ. މިގޮތުން އެސްކޫލްގެ 35 ދަރިވަރަކުވަނީ އޯލްވެލް ގަދަ ދިހައެއްގައި ހިމެނިފައެވެ.