ޚަބަރު

މައްޗަންގޮޅީ މެދު ދާއިރާގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެވޭނެ - ރައީސް ނަޝީދު


މައްޗަންގޮޅީ މެދު ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލެއް ހޯއްދަވައި ދެއްވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އެދާއިރާ ތަމްސީލް ކުރައްވާ މެމްބަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރައްވާ ދާއިރާގެ ރައްޔިތުންނާ އަޙްމަދިއްޔާ ސްކޫލުގައި ބައްދަލު ކުރައްވައި މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވަނީ މައުލޫމާތު ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ދާއިރާގެ އެންމެ ގިނަ ރައްޔިތުންގެ ކަންބޮޑުވުން ހުރީ ބޯހިޔާވަހިކަން ނެތުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިދިޔަ ސަރުކާރުން "ހިޔާ" މަޝްރޫޢުގެ ދަށުން ޢިމާރާތްކުރި ފްލެޓްތައް މިސަރުކާރުން ދެކޭ އަގުގައި ނުދެވިދާނެކަމަށާ، ނަމަވެސް މިސަރުކާރުން ޢިމާރާތްކުރާ ފްލެޓްތައް ހެޔޮއަގުގައި ދެވޭނެ ކަމަށެވެ. އެމަނިކުފާނު ވަނީ މިސަރުކާރުން ޢިމާރާތްކުރަން ހަމަ ޖެހިފައިވާ ފްލެޓްތަކުގެ މަޢުލޫމާތުވެސް ހިއްސާ ކުރައްވާފައެވެ.

އޭގެ އިތުރުން ގޯތިގެދޮރުއެޅުމަށް ބޭނުންވާ ލޯނު ރަނގަޅުގޮތައް ހަމަ ޖެހިގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި މައްޗަންގޮޅީމެދު ދާއިރާގެ އެތެރޭގެ މަގުތައް ރަނގަޅަށް ހެދުމަށް ސިޓީ ކައުންސިލާއެކު މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލިސް ޗުއްޓީގައި ވަނިކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޓެރަރިޒަމްގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލަކީ މުހިންމު ބިލެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މަޖިލިސް ޗުއްޓީއަށް ދިއުމުގެކުރިން ފާސްކުރި މަސްވެރިކަމާ ބެހޭބިލް ޤާނޫނަކަށް ވުމުން މަސްވެރިކަމުގެ ވިޔަފާރި ރަނގަޅުވެ ރަނގަޅު ޢާމްދަނީއެއް ލިބިގެންދާނެ ކަމަށެވެ. ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ދާއިރާގެ ރައްޔިތުންގެ ހުރި ސުވާލުތަކަށްވެސް ޖަވާބު ދެއްވާފައެވެ.