ސިޔާސީ

ފުރަތަމަ ބައްދަލުވުމަށް ޖޭޕީ އިން 4 ކަމެއް ހުށަހަޅައިފި


އިދިކޮޅު ފަރާތްތަކުން ސަރުކާރާއެކު މަޝްވަރާ ކުރުމަށް ދީފައިވާ ފުރުޞަތުގެ ދަށުން، ޖުމްހޫރި ޕާޓީއާއި ސަރުކާރާ ދެމެދު މަޝްވަރާތައް ބާއްވައިފިއެވެ. 

މިއަދު މެންދުރުފަހު ފެށުނު މިމަޝްވަރާތައް ކުރިއަށްދިޔައީ ރައީސް އޮފީހުގައެވެ. މިމަޝްވަރާތައް ފެށިގެން މިދިޔައީ، ކުރިއަށް އޮތް ދެ ދުވަހެއްތެރޭ ޖުމްހޫރީ ޕާޓީއާއިއެކު ސަރުކާރުން މަޝްވަރާތައް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.

މިމަޝްވަރާތަކުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން، އެޕާޓީގެ ރައްޔިތުންގެ މަޖްލިހުގެ މެމްބަރުންކަމަށްވާ ހުސެއިން މުހައްމަދާއި، އިލްހާމް އަހުމަދުއާއި، ފައިސަލް ނަސީމު އަދި ޢަބްދުﷲ ރިޔާޒް ބައިވެރިވަޑައިގެންނެވިއެވެ. 

ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ،  ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބާއި، އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤު އިބްރާހިމްގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ހުސެއިން ޝަރީފްއެވެ.

މިބައްދަލުކުރެއްވުން ނިމުމުން، ރައީސް އޮފީހުގެ ބޭރުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ޖުމްހީރީ ޕާޓީން ބުނީ، މައިގަނޑު 4 ކަމެއް ސަރުކާރަށް ހުށަހަޅާފައިވާނެކަމަށެވެ. 

އެކަންތައްތަކުގެ ތެރޭގައި ހިމެނެނީ، ޖަލު ހުކުމް ތަންފީޒް ކުރެވެމުންދާ އަދި، ޝަރުއީ މަރުހަލާގައި ތިބި ސިޔާސީ ފަރާތްތަކަށް ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން ދެވެން އޮތް ލުޔެއް ދިނުމަށް ސަރުކާރުން މަސައްކަތް ކުރެއްވުމަށާއި، ހުރިހާ ސިޔާސީ ޕާޓީތައް ބައިވެރިވާ ޕްލެޓްފޯމެއްގައި މަޝްވަރާތައް ކުރެވޭނެ މާހައުލެއް ގާއިމް ކޮށްދިނުމަށާއި، ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކުގެ އިންވެސްޓްމެންޓް ހިމާޔަތްކުރުމާ ގުޅޭ ގޮތުންނާއި އަދި ޤާނޫނު އަސާސީއަށް އިސްލާހު ގެންނައިރު ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށް އެފަރާތްތަކުގެ ވެސް ބައިވެރިވުމާއެކުގައި ބަދަލުތައް ގެނައުމަށް ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. 

ޖުމްހޫރީ ޕާޓީއާއި، ސަރުކާރާ ދެމެދު ބޭއްވޭ ދެވަނަ ބައްދަލުވުން އަންނަ އާދީއްތަ ދުވަހުގެ މެންދުރު ފަހު 3:00 ޖަހާއިރު ބާއްވަން ވަނީ ހަމަޖެހިފައެވެ.