ޚަބަރު

2015ވަނަ އަހަރުގެ ނިއުކްލިއަރ އެއްބަސްވުމާއި އީރާނުން ޚިލާފުވަމުންދާތީ ވިލާތުގެ ބާރުތަކުން ކަންބޮޑުވެއްޖެ


އީރާނުގެ ނިއުކްލިއަރ މައްސަލައިގައި 2015ވަނަ އަހަރު އެ ޤައުމާ ދުނިޔޭގެ ބާރުތަކާ ދެމެދު ޤާއިމުކުރި ނިއުކްލިއަރ އެއްބަސްވުމާއި އީރާނުން ޚިލާފުވަމުންދާތީ އެކަމާ ވިލާތުގެ ބާރުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ އިތުރުން ޖަރުމަނުވިލާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2015ވަނަ އަހަރުގެ ނިއުކްލިއަރ އެއްބަސްވުމާ ޚިލާފަށް އީރާނުން ފިޔަވަޅުތައް އަޅަމުންދާކަމަށް ބައިނަލްއަޤުވާމީ އެޓޮމިކް ހަކަތައާބެހޭ އިދާރާއިން ކަށަވަރުކޮށްދީފައިވާކަމަށާއި ވިލާތުގެ ބާރުތަކުންދަނީ މިކަމުގައި ކަންބޮޑުވުންތައް ހުރިކަން ހާމަކުރަމުންކަމަށެވެ.

ވިލާތުގެ ބާރުތަކުން ބުނެފައިވަނީ 2015ވަނަ އަހަރުގެ ނިއުކްލިއަރ އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރުމަށް ވިލާތުގެ ބާރުތަކުން ބޭނުންވާކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން އީރާނުން ކުރަންޖެހޭ ކަންކަން ކުރުމަށް ގޮވާލާކަމަށްވެސް ވިލާތުގެ ބާރުތަކުންވަނީ ބުނެފައެވެ.

އީރާނާ ދުނިޔޭގެ ހަ ބާރުކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، ރަޝިޔާ އަދި ޗައިނާއިން ޤާއިމުކުރި މި އެއްބަސްވުމުން 2018ވަނަ އަހަރު އެމެރިކާ ވަކިވުމާއެކު، އެ ޤައުމުންވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. މީގެ ރައްދުގައި އީރާނުންވަނީ މި އަހަރުން ފެށިގެން އެ އެއްބަސްވުމުގެ ދަށުން އެ ޤައުމުން ކުރަންޖެހޭ ބައެއް ކަންކަން ކުރުން ހުއްޓާލާފައެވެ.