ޚަބަރު

އިދްލީބާ ގުޅޭގޮތުން އީރާނާއި ރަޝިޔާއާއި ތުރުކީވިލާތުގެ ރައީސުން މަޝްވަރާކުރައްވަނީ


ސޫރިޔާގެ ހުޅަނގު އުތުރުގައި އޮންނަ އިދްލީބާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އީރާނާއި ރަޝިޔާއާއި ތުރުކީވިލާތުގެ ރައީސުން އަންނަ ހަފުތާގެ ހޯމަ ދުވަހު ތުރުކީވިލާތުގައި ބައްދަލުކުރައްވާނެކަމަށް ރަޝިޔާގެ ރިޔާސީ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ ރިޔާސީ އޮފިޝަލު ޔޫރީ އުޝަކޯފް ވިދާޅުވީ އަންނަ ހަފުތާގެ ހޯމަ ދުވަހު ތުރުކީވިލާތުގައި އެ ޤައުމުގެ ރައީސް ޠައްޔިބު އުރުދުޣާންއާ އީރާނުގެ ރައީސް ޙަސަން ރޫޙާނީގެ އިތުރުން ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން ބައްދަލުކުރައްވާނެކަމަށެވެ. އޭނާ ވިދާޅުވީ މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ސޫރިޔާގެ އިދްލީބްގެ މައްސަލައަށްކަމަށެވެ.

ސޫރިޔާގެ އިދްލީބްގައި ޙަމަލާ ބަދަލުކުރުން މަނާ ސަރަޙައްދެއް ޤާއިމުކުރުމަށް 2017ވަނަ އަހަރު މި ތިން ޤައުމުންވަނީ އެއްބަސްވެފައެވެ. ނަމަވެސް، މި އަހަރުގެ އޭޕްރިލް މަހުން ފެށިގެން ސޫރިޔާގެ ސަރުކާރަށް ވާގިދޭ އަސްކަރީ ބާރުތަކާ ސޫރިޔާގައި ޙަރަކާތްތެރިވާ ރަޝިޔާގެ ފައުޖުތަކުންދަނީ ސޫރިޔާގެ އިދްލީބަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދެމުންނެވެ. މި ޙަމަލާތަކުގެ ސަބަބުން ސޫރިޔާގެ ޢާއްމުންގެ އެތައް ސަތޭކަ މީހުންވަނީ މަރުވެފައެވެ. މި ޙަމަލާތަކުގެ ސަބަބުން އެތައްބަޔަކުވަނީ ޙާލުގައި ޖެހިފައެވެ. ސޫރިޔާގެ އިދްލީބަކީ އެ ޤައުމުގެ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި ސަރަޙައްދެވެ.

އިދްލީބްގައި ރަޝިޔާއާއި ސޫރިޔާގެ އަސްކަރީ ފައުޖުތަކުން ދެމުންދާ ޙަމަލާތަކުގެ ސަބަބުން އެ ސަރަޙައްދުގެ އިންސާނީ ޙާލަތު އިތުރަށް ގޯސްވުމަކީ އެކަށިގެންވާކަމެއްކަމަށް އދންވަނީ ބުނެފައެވެ.