ޚަބަރު

އެއްބަސްވުމެއްނެތި ވިލާތުގެ އިއްތިޙާދުން ވަކިވާންޖެހިއްޖެނަމަ ޢަމަލުކުރާނެ ގޮތްތަކެއް އެކުލަވާލަނީ


ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމުގެ ވަގުތު ކުޑަތަންވެފައިވާއިރު، އެއްވެސް އެއްބަސްވުމަކާއިނުލާ ވިލާތުގެ އިއްތިޙާދުން ވަކިވާންޖެހިއްޖެނަމަ، ދިމާވެދާނެ ގެއްލުންތައް ކުޑަކުރުމަށް އުސޫލުތަކެއް އެކުލަވާލަމުންދާކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.

ވިލާތުގެ އިއްތިޙާދުން ވަކިމުގެ މަސައްކަތް ވިލަރެސްކުރާ ވަޒީރު މައިކަލް ގޮވް ވިދާޅުވެފައިވަނީ އެއްބަސްވުމެއްނެތި ވަކިވާންޖެހިއްޖެނަމަ އެންމެ އަމާން، އެންމެ ރައްކާތެރިގޮތެއްގައި ވަކިވެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ފިޔަވަޅުތަކެއް އަޅަމުންދާކަމަށެވެ. އެއްބަސްވުމަކާއިނުލައި ވިލާތުގެ އިއްތިޙާދުން ވަކިވެއްޖެނަމަ އިނގިރޭސިވިލާތަށް ކުރާނެ އަސަރުތައް ބޮޑުވަޒީރު ބޮރިސް ޖޮންސަން ހާމަނުކުރައްވާކަމަށް ޤާނޫނުހަދާ މަޖިލީހުންވަނީ ތުޙުމަތުކޮށްފައެވެ.

އޮކްޓޯބަރު 31ގައި ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވާއިރު، ސިޔާސީ ނުތަނަވަސްކަމަކާއި ދިމާލަށް މިސްރާބުޖަހާފައިވާކަމަށް ވިދާޅުވެ މަޖިލީހުގެ މެންބަރުންވަނީ ފާޑުވިދާޅުވެފައެވެ. އެހެންކަމުން، ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ އެދުމުގެމަތިން އިނގިރޭސިވިލާތުގެ ސަރުކާރުންވަނީ އޮޕަރޭޝަން ޔެލޯ ހެމަރގެ ނަންދެވިފައިވާ، ވަކިވުމުން މެދުވެރިވެދާނެ ކަންތައްތަކުގެ ތަފްޞީލު އާއްމުކޮށްފައެވެ.

ސަރުކާރުން ފާސްކޮށްފައިވަނީ އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލިސް ސަސްޕެންޑުކޮށް، އުވާލާ، ބަންދުކުރުމުގައި ޙަރަކާތްތެރިވި މީހުންގެ ސިއްރު މުޢާމަލާތްތައްވެސް ޢާއްމުކުރުމަށެވެ. މި މަޢުލޫމާތު ޢާއްމުކުރުމާގުޅޭ ސުވާލަށް ގަވް ޖަވާބެއް ނުދެއްވައެވެ. ނަމަވެސް އިމުން ބޭރުން ޤާނޫނުހަދާ މަޖިލީހުން ކުރާ އެއްވެސް ޢަމުރަކަށް ސަރުކާރުން ތަބާނުވާނެކަމަށް ބުދަދުވަހު ގަވްވަނީ ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުން ޢާއްމުކޮށްފައިވާ އޮޕަރޭޝަންގައި ލަފާކޮށްފައިވަނީ އެއްބަސްވުމެއްނެތި ވިލާތުގެ އިއްތިޙާދުން ވަކިވެއްޖެނަމަ، ތާޒާ މޭވާއާއި ބޭސް ވިލާތުގެ ޤައުމުތަކުގެ މެދުގައި ފޯރުކޮށްދިނުމަށް ހުރަސްތަކެއް މެދުވެރިވެދާނެކަމަށެވެ.

ދިފާޢީ ތަރުޖަމާނު ބެން ވޮލެސްވެސް ވިދާޅުވެފައިވަނީ ވިލާތުގެ އިއްތިޙާދުން ވަކިވުމުން ދިމާވެދާނެ ޙާލަތަކަށް އިނގިރޭސިވިލާތް ތައްޔާރުވަމުން ދާކަމަށެވެ. އެހެންނަމަވެސް، މި ވަގުތު އެކަށައެޅިފައިވާ އުޞޫލުތަކަށް އަމަލުކުރަން ނުޖެހޭކަމަށާއި ކޮންމެހެން ޢަމަލުކުރަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ އެ އުޞޫލުތަކަށް ޢަމަލު ނުކުރާނެކަމަށް ވޮލެސް ވިދާޅުވިއެވެ.