ކުޅިވަރު

ޖަރުމަނުގެ އެއްވަނަ ކީޕަރުކަން ނުލިބުމަކީ މާޔޫސްވާ ކަމެއް: ޓާސްޓެގަން


ޖަރުމަނުގެ އެއްވަނަ ކީޕަރުކަން ނުލިބުމަކީ މާޔޫސްވާ ކަމެއް ކަމަށް ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ޓާސްޓެގަން ބުނެފި އެވެ.

ޖަރުމަނުގެ މިހާރުގެ އެއްވަނަ ކީޕަރަކީ ބަޔާން މިއުނިކްގެ ކީޕަރު މެނުއަލް ނޯޔާ އެވެ. ނަމަވެސް ފަހަކަށް އައިސް ޖަރުމަނަށް ކުރިމަތިވަމުން އަންނަ ނާކާމިޔާބީތަކާއި ކުޅުންތެރިން ރޮޓޭޓް ކުރުމުގެ ޕޮލިސީގެ ތެރެއިން ވެސް ފުރަތަމަ 11އިން ޖާގަ ނުލިބޭތީވެ ޓާސްޓެގަން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"އަހަރެން މިދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން. އަދި އަހަރެން ކުރަންޖެހުނު ކޮންމެ ކަމެއް ކުރަމުން. އަހަރެން 100 ޕަސެންޓް ދެމުން އަންނައިރު ޓީމުގެ ޖާގަ ނުލިބުމަކީ ވަރަށް ބޮޑަށް މާޔޫސްވާ ކަމެއް. ހިތްދަތިވާ ކަމެއް. ޓީމާއެކު މިހާރު ކުރަމުންދާ ދަތުރުތަކުގައި އަހަންނަށް ވަނީ އުނދަގޫ ކަންތައްތަކާ ކުރިމަތިވެފައި،" ޓާސްޓެގަން ބުންޏެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕުގައި ޖަރުމަނުގެ އެއްވަނަ ކީޕަރުކަން ޓާސްޓެގަން އަށް ލިބޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި އެވެ. އެއީ ނޯޔާ އަށް ލިބުނު ބޮޑު އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހަތްމަހެއްހާ ދުވަހު ހުންނަން ޖެހުމުންނެވެ. ނަމަވެސް އެންމެ ހަފުތާއެއްގެ ޕްރެކްޓުހަށްފަހު ކޯޗު ޖީހިމް ލޯ ފުރުސަތު ދިނީ ނޯޔާ އަށެވެ.

ޖަރުމަނުގެ ގައުމީ ޓީމު ފަހަކަށް އައިސް ނެރޭ ދެރަ ނަތީޖާތަކުގެ ސަބަބުން ކޯޗު ލޯ އަށް ވަނީ ޕްރެޝަރު ކުރިމަތިވެފަ އެވެ.