ކުޅިވަރު

މޮރީނިއޯ ލަލީގާ އަށް އައުން ވަރަށް މުހިންމު: ޓަބޭސް


ސްޕެނިޝް ލީގުގައި ހޯސޭ މޮރީނިއޯ ކޯޗުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެލީގުގެ ޗެއާމަން ހާވިއާ ޓަބޭސް ބުނެފި އެވެ.

އޭނާ މިހެން ބުނީ ޓީވީ ޝޯއެއްގައި މޮރީނިއޯގެ ހާޒިރުގައި ވާހަކަ ދައްކަމުންނެވެ.

"މޮރީނިއޯ އަކީ ފުޓްބޯޅައިގެ ވަރަށް ބޮޑު ނަމެއް. އޭނާ ސްޕެނިޝް ލީގަށް އައުމަކީ ލީގަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް. އޭނާ ކޮންމެ ޓީމެއްގައި ހުއްޓަސް އަހަންނަށް ވަރިހަމަ،" ޓަބޭސް ބުންޏެވެ.

މި ޝޯގައި ވާހަކަ ދައްކަމުން ކެމަރޫނުގެ ފޯވަޑް ސެމިއުލް އެޓޫ ބުނީ އޭނާ އެދެނީ މޮރީނިއޯ ބާސެލޯނާއިން ފެނުން ކަމަށެވެ. އެޓޫ އަކީ ބާސެލޯނާގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު ފަހުން މޮރީނިއޯގެ އިރުޝާދުގެ ދަށުން އިޓަލީގެ އިންޓަމިލާނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފޯވަޑެކެވެ.

މޮރީނިއޯ އަކީ ކުރިން ބާސެލޯނާގެ ކޯޗުގެ ތަރުޖަމާނެވެ. ފަހުން އޭނާ ވަނީ ރެއާލް މެޑްރިޑަށް ކޯޗުކޮށްދީފަ އެވެ. ޝޯގައި ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ކެރިއަރުގެ އެންމެ އުފާވެރި ދުވަސްތައް ހޭދަކުރީ މެޑްރިޑުގައި ކަމަށެވެ. އަދި އަލުން ފުރުސަތު ލިބިއްޖެނަމަ އެ ޓީމަށް ކޯޗުކޮށްދޭނެ ކަމަށެވެ.