ޚަބަރު

މިދިޔަ އަހަރު އޯލެވެލް އިމްތިޙާނުގެ ގަދަ 10ގައި 404 ދަރިވަރުން


މިދިޔަ އަހަރު އޯލެވެލް އިމްތިޙާނުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ގަދަ ދިހައެއްގައި ހިމެނުނު 404 ދަރިވަރަކަށް އެވޯޑް ދީފިއެވެ. މިދިޔަ އަހަރުގެ އޯލެވެލް އިމްތިޙާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ އަގުވަޒަން ކުރުމަށް ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙެވެ.

2018 ވަނަ އަހަރު ޘާނަވީ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނާއި، ވަކިވަކި މާއްދާތަކުން ވަނަތައް ޙާސިލްކުރި ދަރިވަރުންނާއި، ދުނިޔޭގެ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނެނު ދަރިވަރުންނަށް ވަނީ ޓްރޮފީއާއި ހަނދާނީ ލިޔުން ދީފައެވެ. އެ ދަރިވަރުންނަށް އެވޯޑު ޙަވާލުކޮށްދެއްވީ ނާއިބް ރައީސާއި އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއާއި ބައެއް ވަޒީރުންނެވެ.

މިދިޔަ އަހަރު ހަތަރުހާހަށް ވުރެ ގިނަ ދަރިވަރުން ޘާނަވީ އިމްތިހާނު ހަދާފައިވެއެވެ. އޭގެ ތެރެއިން 404 ދަރިވަރަކު ވަނީ ގަދަ ދިހައެއްގައި ހިމެނިފައެވެ. މިގޭ އިތުރުން ވަކިވަކި މާއްދާތަކުންނާއި ދުނިޔޭގެ ފެންވަރުގައި ވަކިވަކި މާޢްދާތަކުން ވަނަތައް ހާސިލްކުރި 52 ދަރިވަރަކަށް ވަނީ އެވޯޑް ހަވާލުކޮށްދީފައެވެ. އަދި ހައި އެޗީވްމަންޓް އެވޯޑް ހާސިލްކުރި 6 ދަރިވަރުންނަށްވެސް ވަނީ މި ހަފްލާގައި އެވޯޑް ދީފައެވެ. އަދި މިހަފްލާގައި ވަނީ އޯލްވެލް އިމްތިހާނުން އެއްވަނަ ހޯދި 8 ދަރިވަރުންނަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާ އިނާމާއި އެވޯޑް ހަވާލުކޮށްފައެވެ. މި އިނާމް ދަރިވަރުންނަށް ހަވާލުކޯށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ ވިދާޅުވީ ކާމިޔާބު ހޯދާ ރަނގަޅު މޮޅު ދަރިވަރުންތަކެއް އުފެއްދުމުގެ އެންމެ މުހިއްމު ދައުރެއް އަދާކުރާބަޔަކީ މުދައްރިސުންކަމަށެވެ. އަދި ތަޢުލީމީ ދާއިރާ ހަރުދަނާކޮށް މި ދާއިރާއަށް އެދެވޭ ބަދަލުތަކެއް ގެނައުމަށްޓަކައި ރާއްޖޭގެ ސްކޫކްތަކުގައި މޮޅު މުދައްރިސުން ތިބުމަކީ މުހިއްމުކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ހުނަރުވެރި ޖީލެއް އުފެއްދުމަށާއި މޮޅު މުދައްރިސުން ސްކޫލްތަކުގައި ދެމިތިބުމަށްޓަކައި އެދެވޭ އިނާޔަތްތަކާއި އެކަށީގެންވާ އާމްދަނީއެއް ލިބުމަކީ މުހިއްމުކަމެއްކަމަށެވެ. މިނިސްޓަރ ވަނީ މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންވެސް މުދައްރިސުންގެ ޤައުމީ ޚިދުމަތަށް ނުކުތުމަށް ގޮވާލައްވާފައެވެ.

މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ހަތަރުހާސް ފައްސަތޭކަ ހަތްދިހަ އެއް ދަރިވަރުން ބައިވެރިވެފައިވާއިރު ބީޓެކާއި ދަސްވާރު ޕްރޮގްރާމްގައި 862 ދަރިވަރުންވަނީ ބައިވެރިވެފައެވެ. މިދިޔަ އަހަރުގެ އިމްތިހާނުގެ ވަކިވަކި މާއްދާތަކަށް ބަލާއިރު މިދިޔަ އަހަރު ދިވެހިން %86.1 ކުދިން ފާސްވެފައިވާއިރު، އިސްލާމް މާއްދާއިން %82.9 ކުދިންވަނީ ފާސްވެފައެވެ. މީގެ އިތުރުން ހިސާބުން %59.8 ކުދިން ފާސްވެފައިވާއިރު އިނގިރޭސިން %50.3 ކުދިންވަނީ ފާސްވެފައެވެ.