ޚަބަރު

ދެކުނު ޗައިނާ ކަނޑުގެ މައްސަލަތައް ވާހަކަދައްކައިގެން ޙައްލުކުރުމަށް ޗައިނާއާއި މެލޭޝީޔާއިން އެއްބަސްވެއްޖެ


ދެކުނު ޗައިނާ ކަނޑުގައި އުފެދިފައިވާ ސަރަޙައްދީ ރޮނގުގެ އަރާރުންތައް، ވާހަކަދައްކައިގެން ޙައްލުކުރުމަށް ޗައިނާއާއި މެލޭޝީޔާގެ ޚާރިޖީ ވަޒީރުން އެއްބަސްވެވަޑައިގެންފިއެވެ.

މެލޭޝިޔާގެ ޚާރިޖީވަޒީރު ދާތޯ ސައިފުއްދީން ޢަބްދުﷲއާ ބެއިޖިންގްގައި ބައްދަލުކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗައިނާގެ ޚާރިޖީވަޒީރު ވާންގް ޔީ ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގެ މައްސަލަ ވާހަކަދައްކައިގެން ޙައްލުކުރުމުގެ ނިޒާމަކަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންފައިވާކަމަށެވެ. މިކަމާ ގުޅޭގޮތުން، މެލޭޝިޔާގެ ޚާރިޖީ ވަޒީރު ދާތޯ ސައިފުއްދީން ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގެ މައްސަލަ ޙައްލުކުރުމަށް އޭނާއާއި ޗައިނާގެ ޚާރިޖީ ވަޒީރު އެއްބަސްވެވަޑައިގެންނެވި ނިޒާމަށް ޢަމަލުކުރާނީ ދެ ޤައުމުގެ ޚާރިޖީ ވުޒާރާތަކުންކަމަށެވެ.

އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 3.4 ޓްރިލިޔަން އެމެރިކާ ޑޮލަރުގެ މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ ވިޔަފާރީގެ ޙަރަކާތްތައް ހިނގަމުންދާ ދެކުނު ޗައިނާ ކަނޑަކީ އެ ކަނޑު ޙިއްޞާކުރާ ޤައުމުތަކުގެ މެދުގައި ސަރަޙައްދީ ރޮނގުގެ އަރައިރުންތައް އުފެދިފައިވާ ސަރަޙައްދެކެވެ. މެލޭޝިޔާއަކީ ދެކުނު ޗައިނާ ކަނޑާއިމެދު ޗައިނާއިން ގެންގުޅޭ ސިޔާސަތަށް ކުރިން ވަރަށްބޮޑަށް ފާޑުކިޔަމުންދިޔަ ޤައުމެކެވެ. ނަމަވެސް ބެލްޓް އެންޑް ރޯޑު އިނިޝިއޭޓިވްގެ ދަށުން މެލޭޝިޔާގައި ކުރިޔަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ޗައިނާއިން އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ ފައިސާގެ އެހީ ދިނުމާގުޅިގެން މެލޭޝިޔާވަނީ ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ސީދާ ގޮތެއްގައި ޗައިނާއަށް ފާޑުކިޔަން ފަސްޖެހިފައެވެ.