ޚަބަރު

ޗައިނާއަށް އެތެރެކުރާ އެމެރިކާގެ ބައެއް މުދަލުން ޑިއުޓީ މަޢާފުކޮށްފި


ޗައިނާއަށް އެތެރެކުރާ އެމެރިކާގެ ބައެއް މުދަލުން ޑިއުޓީ މަޢާފުކުރުމަށް ނިންމާފައިވާތީ ޑިއުޓީ ނުނަގާގޮތަށް ހަމަޖެހުނު މުދަލުގެ ލިސްޓެއް ޗައިނާއިން ހާމަކޮށްފިއެވެ. ސްޓޭޓް ކައުންސިލްގެ ކަސްޓަމްސް ޓެރިފް ކޮމިޝަނުން ބުނީ ސެޕްޓެމްބަރު މަހުގެ 17ވަނަ ދުވަހު މި ލިސްޓަށް ޢަމަލުކުރަން ފަށާނެކަމަށެވެ.

އެމެރިކާއަށް އެތެރެކުރާ ޗައިނާގެ މުދަލުން ޑިއުޓީ ނަގަންފެށުމުން އެކަމުގެ ބަދަލުގައި ޗައިނާއިންވެސްވަނީ އެމެރިކާއިން ޗައިނާއަށް އެތެރެކުރާ މުދަލުން ޑިއުޓީ ނަގަންފަށައިފައެވެ. ޗައިނާއިން އެމެރިކާއަށް ޑިއުޓީ މަޢާފުކޮށްދޭން ނިންމާފައިވަނީ 16 ބާވަތެއްގެ މުދަލުންނެވެ.

މިހާތަނަށް ޗައިނާއިން ޑިއުޓީ ނަގާފައިވާ އެމެރިކާގެ 16 ބާވަތުގެ މުދަލުގެ ތެރެއިން 12 ބާވަތެއްގެ މުދަލަށް ރިފަންޑް ދޭންވެސްވަނީ ނިންމާފައެވެ. އެގޮތުން، ޑިއުޓީ ދެއްކި ކުންފުނިތަކުން 6 މަސް ދުވަހުގެ ތެރޭގައި ރިފަންޑް ހޯދުމަށް ހުށަހަޅަން ޗައިނާއިންވަނީ އަންގާފައެވެ.

ދަނޑުގޮވާންކުރަން އުފައްދާ ބާވަތްތަކަށް ބޭނުންޖެހިފައިވަތީ އެ ބާވަތުގެ މުދާ އެހެން ޤައުމުތަކުން ހޯދުމުގެ ބަދަލުގައި ޗައިނާއިން ނިންމާފައިވަނީ އެމެރިކާއިން އެތެރެކުރާ އެފަދަ ބާވަތްތުގެ މުދަލުން ޑިއުޓީ މަޢާފުކޮށްދިނުމަށެވެ.