ޚަބަރު

ރާއްޖޭގެ ފުޓުބޯޅައިގެ ފެންވަރު ރަނގަޅުކުރުމަށް ލީގު ވަރުގަދަ ކުރަން ޖެހޭ


ދިވެހި ރާއްޖޭގެ ފުޓުބޯލައިގެ ފެންވަރު ރަނގަޅުކޮށް، މޮޅެތި ކުޅުންތެރިން އުފެއްދުމަށް، ވަރުގަދަ ފުޓުބޯޅަ ލީގެއް ޤާއިމުކުރަން ޖެހޭކަމަށް ޗައިނާގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު މާސެލޯ ލިއްޕީ ބުނެފިއެވެ.

ވޯލްޑް ކަޕު ކޮލިފައިންގައި މާލޭގެ ގަލޮޅު ދަނޑުގައި ދިވެހި ރާއްޖެ 5-0ން ބަލިކުރުމަށްފަހު، ނޫސްވެރިންނާ ވާހަކަދައްކަމުން ލިއްޕީ ބުނީ ދިވެހި ޤައުމީ ޓީމުގެ ކުޅުންތެރިންގެ ފަރާތުން މުޙިއްމު ކަންތައްތަކެއް ފާހަގަކުރެވުނުކަމަށާއި މޮޅެތި ކުޅުންތެރިން ރާއްޖޭގައި އެބަތިބިކަމަށެވެ. 2006ވަނަ އަހަރު އިޓަލީވިލާތަށް ވޯޅްޑް ކަޕު ކާމިޔާބުކޮށްދިން ތަޖުރިބާކާރު ކޯޗުވަނީ ރާއްޖޭގެ ކުޅުންތެރިންގެ ދެއްކި ހިތްވަރަށް ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ.

މިހާތަނަށް ގަލޮޅު ދަނޑަށް އައި އެންމެ މޮޅު ކޯޗު ބުނީ ރާއްޖޭގެ ފުޓުބޯޅަ އިތުރު ހަރުފަތަކަށް ގެންދަން ބޭނުންނަމަ ކުރަންޖެހޭ އެންމެ މުޙިއްމު ކަމަކީ ރާއްޖޭގެ ލީގު ވަރުގަދަ ކުރުންކަމަށެވެ. ރާއްޖޭގެ ފުޓުބޯޅައާއި ގުޅޭ ގިނަ މަޢުލޫމާތުތަކެއް ނެތްކަމަށް ބުނެ، ލިއްޕީ ބުނީ މޮޅު ކުޅުންތެރިން އުފެދޭނީ އެ ޤައުމެއްގެ ލީގު ވަރުގަދަވުމުންކަމަށެވެ.

2022ވަނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕު ކޮލިފައިންގައި ރާއްޖެ ހިމެނެނީ ގްރޫޕު އޭގައެވެ. މި ގްރޫޕުގައި އެއްވަނާގައި އޮތީ ޗައިނާއެވެ. އަދި ދެވަނާގައި ސޫރިޔާ އޮތްއިރު، ތިންވަނާގައި އޮތީ ފިލިޕީންސެވެ. ރާއްޖެ އޮތީ ހަތަރުވަނާގައެވެ. މި 4 ޤައުމަށްވެސް ލިބިފައިވަނީ 3 ޕޮއިންޓެވެ. ގްރޫޕުގެ ފުލުގައި އޮތް ގުއާމަށް އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.

ވޯލްޑް ކަޕު ކޮލިފައިންގައި ރާއްޖެވަނީ މިހާތަނަށް ދެ މެޗު ކުޅެފައެވެ. ޗައިނާ އަތުން އަމިއްލަ ދަނޑުގައި ބޮޑު ތަފާތަކުން ބަލިވި ނަމަވެސް، ރަށުން ބޭރުގައި ރާއްޖެވަނީ 1-0ން ގުއާމް ބަލިކޮށްފައެވެ.