ޚަބަރު

ދައުރުން ބޭރުގައި ދެން ޖަލްސާއެއް ބާއްވާނެ ދުވަހެއް ކަނޑައެޅޭނީ ޕާޓީތަކުގެ ލީޑަރުންގެ މަޝްވަރާއަށްފަހު - މަޖިލިސް ރައީސް


މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި މަޝްވަރާކުރުމަށްފަހު ދައުރުން ބޭރުގައި އިތުރު ޖަލްސާއެއް ބާއްވާނެ ދުވަހެއް ކަނޑެއެޅިގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލިސް ހިނގަމުންދާނީ މަޖިލީހުގެ ޤަވާއިދާއި، ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި، އުސޫލުތަކާއި އެއްގޮތަށްކަމަށެވެ. މަޖިލީހުގެ ޖަލްސާތައް މިނޫންގޮތަކަށް ބޭއްވުމަށް ސަރުކާރުން އެދުނު ނަމަވެސް އަދި އެހެން ފަރާތަކުން އެދުނުކަމުގައި ވީނަމަވެސް އެކަމެއް ނުކޮށްދެވޭނެކަމަށެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ މިހާރު އެޖެންޑާ ކުރެވިފައިވާ ޓެރަރިޒަމްގެ ޤާނޫނު އިސްލާޙު ކުރުމާ ގުޅޭގޮތުން ބާއްވަންޖެހޭ ޖަލްސާތައް ބޭއްވޭނީ މަޖިލީހުގެ ޤަވާއިދުގެ 89 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިންކަމަށާއި، އެ މާއްދާގައި ވާގޮތުން ޖަލްސާއެއް ބޭއްވެން އަންނަނީ 7 ދުވަސް ފަހުންކަމަށެވެ. ނަމަވެސް މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީޓަކުގެ ލީޑަރުންނާއި މަޝްވަރާ ކުުރުމަށްފަހު ޖަލްސާތައް 3 ދުވަސްތެރޭގައި ބޭއްވުމަށް އެއްބަސް ވެވިއްޖެނަމަ މިމަހުގެ 16 ވަނަ ދުވަހުގައި ޖަލްސާ ބާއްވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ދައުރުން ބޭރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މިއަދުވަނީ ސަރުކާރުން ހުށަހެޅުއްވި ޓެރަރިޒަމްގެ ޤާނޫނުގެ ފުރަތަމަ ކިޔުން އިއްވާފައެވެ.