ޚަބަރު

ޓެރަރިޒަމްގެ ޤާނޫނަށް ހުށަހެޅި އިސްލާހުތަކަށް މެންބަރުންގެ ގިނަ ސުވާލުތަކެއް


ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ޓެރަރިޒަމްގެ ޤާނޫނުގެ އިސްލާހުތަކާމެދު ސަރުކާރަށް ނިސްބަތްވާ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅިފައިވާ ޓެރަރިޒަމްގެ ޤާނޫނަށް ގެންނަ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައި ބަހުސަށް ހުޅުވާލުމުގެ ކުރިން މެންބަރުންގެ ޚިޔާލު ހުރިގޮތް އޮޅުންފިލުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުޅުވާލި ފުރުޞަތުގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް ވިދާޅުވީ ސަރުކާރުން މި ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ މިހާރު އޮތް ޤާނޫނަށް ކޮންމެހެން ބަދަލު ގެންނަން ޖެހުމުންކަމަށެވެ. އަދި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައި ފާހަގަކުރެވޭ ކަންކަން ޙައްލުކުރެވެން އޮތީ ޤާނޫނަށް ވީހާވެސް އަވަހަށް އިސްލާޙުތަކެއް ގެނެސްގެންކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ނިޔާޒު ވިދާޅުވިއެވެ.

މި ބަހުސްގައި ވާހަކަ ދައްކަވަމުން މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން މި މައްސަލާގައި ޢަމަލުކުރައްވަމުންދަނީ މަޖިލީހުގެ ޤަވައިދާއި ޚިލާފަށްކަމަށެވެ. މި މައްސަލަ ހުށަހަޅަން ޖެހުނު ސަބަބާއި މައްސަލަ ވައްދާފައިވާ އުސޫލަށްބަލާއިރު ފުރަތަމަ ކިޔުން ނީއްވައި އިތުރު ޚިޔާލު ހޯދުމަކީ މަޖިލީހުގެ ރިޔާސަތުން ކޮށްގެންވާނެކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލާގައި ވާހަކަ ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފު ވިދާޅުވީ މަޖިލިސް ޗުއްޓީއަށް ދިއުމުން ސަރުކާރުން މި ބިލް ހުށަހެޅުއްވުމުގެ ސަބަބެއް ވިސްނިވަޑައިނުގަންނަވާކަމަށެވެ. ސަރުކާރުން މި ޤާނޫނަށް ހުށަހަޅުއްވާ އިސްލާހުތަކަކީ ރިޔާސީ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކައި ކިހާ ގުޅުމެއް އޮތް އިސްލާހުތަކެއްތޯއާއި މި އިސްލާހުތައް ހުށަހެޅުއްވި ސަބަބެއްވެސް ސާފުކޮށްދޭންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލާގައި ވާހަކަ ދެއްކެވި އިދިކޮޅު މެންބަރުންނާއި އަމިއްލަ މެންބަރުންވެސްވަނީ މަޖިލީހުގެ ރިޔާސަތުން މިކަމުގައި ޢަމަލުކުރަނީ އެންމެ ރަނގަޅަށް ނޫންކަމަށް ވިދާޅުވެފައެވެ. މެންބަރުންގެ ވާހަކަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ މި ބިލުގެ ފުރަތަމަ ކިޔުން ނީއްވައި މެންބަރުންގެ ޚިޔާލު ހޯދުމަށް ހުޅުވާލީ މިކަން އެ ދާއިރާއެއްގެ ރައްޔިތުންނަށް ސާފުކުރުމުގެ މަޤްސަދުގައިކަމަށެވެ. އަދި މި ފުރުޞަތު ހުޅުވާލީ މަޖިލީހުގެ ޤަވާއިދުގައިވާ ރިޔާސަތަށް ލިބިގެންވާ ބާރުގެ ދަށުންކަމަށްވެސް މަޖިލިސް ރައީސްވަނީ ވިދާޅުވެފައެވެ.